މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ ޗެއާމަންގެ މަގާމުގައި ހުންނެވި ސ. ފޭދޫ، ނާޒުކީގޭ ޝަމްހޫޒާ އަހުމަދު މިއަދުން ފެށިގެން އެ މަގާމުން ވަކިކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ހާމަކުރި ގޮތުގައި، ޝަމްހޫޒާ ވަނީ ޗެއާމަންކަމުގެ މަގާމުގެ އިތުރުން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުންވެސް މިއަދު ވަކިކުރައްވާފައެވެ.
ނަމަވެސް، އޭނާ މަގާމުން ވަކިކުރި ސީދާ ސަބަބެއް އެ ބޯޑުން ހާމަކޮށްފައެއް ނުވެއެވެ.
ލޯކަލް ކައުންސިލް އިންތިހާބަށްފަހު ސަރުކާރުގެ ކުންފުނިތަކުގެ އިސް މަގާމުތަކަށް އަންނަމުންދާ ބަދަލުތަކުގެ ތެރެއިން، އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަބްދުލްމަތީން މުހައްމަދުވެސް ވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވާފައެވެ.
މަތީން އިސްތިއުފާ ދެއްވި ސަބަބު ރަސްމީކޮށް ހާމަކުރައްވާފައެއް ނުވެއެވެ.
މަތީން އިސްތިއުފާ ދެއްވުމާ ގުޅިގެން، އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސަރުކާރުން މިހާރު އައްޔަންކުރައްވާފައިވަނީ ސްޓެލްކޯގެ އެމްޑީގެ މަގާމުގައި ކުރިން ހުންނެވި ހުސެއިން ފަހުމީއެވެ. ފަހުމީ އެ މަގާމަށް އައްޔަންކުރެއްވީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ.



