މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް، ހެންވޭރު މެދު ދާއިރާގެ ކައުންސިލަރު މީކާއިލް މުހައްމަދު ރިޔާޒު (މިކީ) ކުރިމަތިލެއްވުމަށް އެމްޑީޕީގެ ކައުންސިލަރުންގެ މެދުގައި ނެގި ވޯޓުން ނިންމައިފިއެވެ.
މާލެ ސިޓީ ކައުންސިލްގެ އައު ދައުރަށް އިންތިޚާބުވި މެންބަރުން މިއަދު މަގާމުގެ ހުވާކުރެއްވުމާ ގުޅިގެން، ޑެޕިއުޓީ މޭޔަރުކަމުގެ މަގާމަށް އެމްޑީޕީގެ ހަތަރު ކައުންސިލަރަކު ޝައުގުވެރިކަން ފާޅުކުރެއްވިއެވެ. އެ ބޭފުޅުންނަކީ:
- މީކާއިލް މުހައްމަދު ރިޔާޒު (ހެންވޭރު މެދު ދާއިރާ)
- ފާތިމަތު ޒަހިއްޔާ - ޒާޔާ (ހުޅުމާލެ އުތުރު ދާއިރާ)
- އައިޝަތު ހަނާ (މާފަންނު މެދު ދާއިރާ)
- މުހައްމަދު ރިލްވާން އަލީ - ރިލޭ (މާފަންނު ހުޅަނގު ދާއިރާ)
މި މަގާމަށް ބޭފުޅަކު ކަނޑައެޅުމަށްޓަކައި އެމްޑީޕީގެ ކައުންސިލަރުންގެ މެދުގައި ނެގި ވޯޓުގައި، މީކާއިލް މުހައްމަދު ރިޔާޒަށް 7 ވޯޓު ލިބިވަޑައިގެންފައިވެއެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ 5 ވޯޓާއެކު ފާތިމަތު ޒަހިއްޔާއަށެވެ. އަދި އައިޝަތު ހަނާ އާއި މުހައްމަދު ރިލްވާން އަލީގެ ތެރެއިން ކޮންމެ ބޭފުޅަކަށް ލިބިވަޑައިގަތީ 2 ވޯޓެވެ.




