ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ ހައްގު ހަނިވަމުންދާ ކަމަށް ބުނެ "އަދަދު" ނޫހުން ތައްޔާރުކުރި ޑޮކިއުމެންޓްރީއާ ގުޅިގެން ނެރުނު "ގެގް އޯޑަރު" އިސްތިއުނާފު ކުރުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.
"އަދަދު" ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފުކުރުމުގެ ދައުވާ އުފުލައި، ކްރިމިނަލް ކޯޓުގައި މިހާރު ވަނީ ޝަރީއަތް ފަށާފައެވެ.
މި މައްސަލައިގައި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން އެދިގެން ކޯޓުން ނެރުނު "ގެގް އޯޑަރު" އާ ޚިލާފުވި ކަމުގެ ތުހުމަތުގައި އެ ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލިވާން އާއި ޝަހުޒާން ވަނީ ބަންދުކޮށްފައެވެ.
ކްރިމިނަލް ކޯޓުގެ އެ އަމުރު ބާތިލުކުރުމަށް އެދި އެމްޖޭއޭ އިން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލައިގައި، ހައިކޯޓުން ވަކި ގޮތެއް ނިންމަންދެން އެ އަމުރަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށްވެސް އެދިފައިވެއެވެ.
އަދި މި އަމުރުގެ ސަބަބުން އަސަރުކުރާ އެންމެހައި ފަރާތްތަކުން މި މައްސަލައިގެ ތެރެއަށް ވަނުމަށް (ތަދައްޚުލްވުމަށް) އެ ޖަމިއްޔާއިން ބާރުއަޅާފައިވެއެވެ.
ނަމަވެސް، ހައިކޯޓުގެ ރެޖިސްޓްރާ މަރްޔަމް ހޫރުޝީދާ މިއަދު ނިންމެވީ އެމްޖޭއޭ އިން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށެވެ.
އެ ނިންމުމުގައި ބުނެފައިވަނީ، ކްރިމިނަލް ކޯޓުން ނެރުނު އެ އަމުރު އިސްތިއުނާފު ކުރުމުގެ ގާނޫނީ ހައްގު އެމްޖޭއޭއަށް ލިބިގެންނުވާ ކަމަށެވެ.



