އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ޙުކުމް ތަންފީޒު ކުރައްވަމުން ގެންދެވި އަޙްމަދު އަދީބަށް އަދަބުގެ ލުއި ދެއްވީ ޤާނޫނީ އިމުގެ ތެރެއިން، ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށް ކަމަށް ވިދާޅުވެ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެ ނިންމެވުން ދިފާޢު ކުރައްވައިފިއެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ރައީސް ޞާލިޙް ވިދާޅުވީ، އަދަބަށް ލުއި ހޯދުމަށް އެދި ހުށަހަޅާ މައްސަލަތައް ރައީސުލްޖުމްހޫރިއްޔާއާ ހަމައަށް އައުމުން، އެކަމުގައި ބައްލަވަނީ ޤާނޫނާ އެއްގޮތަށް އެ ފުރުޞަތު އޮތް މިންވަރަކަށް ކަމަށެވެ. އަދި އަދީބުގެ މައްސަލައިގައި ވެސް ޢަމަލުކުރައްވާފައި ވަނީ އެ އުޞޫލުގެ ތެރެއިން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ޞާލިޙް އިތުރަށް ތަފްޞީލުކޮށްދެއްވަމުން ވިދާޅުވީ، އެމަނިކުފާނު ލުއި ދެއްވީ ހަމައެކަނި ޖިނާއީ އަދަބަށް ކަމަށާއި، ގެއްލުނު ފައިސާ ހޯދުމާ ގުޅޭ މަދަނީ މައްސަލަތައް އަދިވެސް އޮތީ ތަޙުޤީޤީ މަރުޙަލާގައާއި ޝަރީޢަތުގެ މަރުޙަލާގައި ކަމަށެވެ. އެހެންކަމުން، އެ ފައިސާ ހޯދުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ގެންދެވެން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، އެހެން ފަރާތްތަކަށް ވެސް ޤާނޫނީ ހަމަތަކުގެ މަތިން ލުއި ދީފައިވާނެކަން ފާހަގަކުރައްވައި، އަދީބަށް ދެއްވި ލުޔަކީ ގޯސް ނިންމުމެއް ކަމަށް ޤަބޫލުނުކުރައްވާ ކަމަށް ވެސް ޞާލިޙް ވިދާޅުވިއެވެ. އަދި އެއީ އެކަމަށްޓަކައި މަޢާފަށް އެދެންޖެހޭ ފަދަ ކަމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އެކަމުގައި އަޅުގަނޑުގެ ފަރާތުން އުނިކަމެއް ނުވަތަ ގޯހެއް ހެދިފައިވާނަމަ މައާފަށް އެދެންޖެހޭނެ. ނަމަވެސް، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީ މައާފަށް އެދެންޖެހޭ ފަދަ ކަމެއް ނޫން،" ރައީސް ސޯލިހު ވިދާޅުވިއެވެ.
އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތުގެ ޖަލު ހުކުމަށް ލުއިދެއްވުމާ ގުޅިގެން ރައީސް ސޯލިހަށް އަމާޒުވި ބޮޑެތި ފާޑުކިޔުންތަކަށް، އެމަނިކުފާނު ސީދާ ގޮތެއްގައި ޖަވާބުދެއްވި މިއީ ފުރަތަމަ ފަހަރެވެ.
ރައީސް ސޯލިހު، އަދީބު މިނިވަންކުރެއްވި ނިންމެވުން ދިފާއުކުރެއްވިއިރު، އަދީބު ވަނީ ރޭ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށް އެކަމަށް ރައްދު ދެއްވާފައެވެ. ތިން ރައީސުން ބައްދަލުކުރެއްވި ފޮޓޯއަކާއެކު އަދީބު ވިދާޅުވީ، "މިރޭގެ ތިން ރައީސުންގެ ބައްދަލުވުމަށްފަހު، އެ ބޭފުޅުންނާ ގުޅޭގޮތުން އަޅުގަނޑުވެސް ދައްކާނެ ވަރަށް ގިނަ ވާހަކަތައް އެބަހުރި" ކަމަށެވެ.
އެމް.އެމް.ޕީ.އާރް.ސީގެ ބޮޑު ހިޔާނާތުގެ ކުށް ސާބިތުވެފައިވާ އަދީބާއި ޒިޔަތަށް ރައީސް ސޯލިހު މައާފުދެއްވީ، 2023 ވަނަ އަހަރު އެމަނިކުފާނުގެ ރިޔާސީ ދައުރު ހަމަވާން ގާތްވެފައި ވަނިކޮށެވެ. ފާހަގަކޮށްލެވޭ ގޮތުގައި، 2018 ވަނަ އަހަރު ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މި ދެ ބޭފުޅުން ތިއްބެވީ ޖަލު ބަންދުގައެވެ. ނަމަވެސް، ފަހުން އެ ބޭފުޅުން ގޭބަންދަށް ބަދަލުކުރެއްވީވެސް ރައީސް ސޯލިހުގެ ސަރުކާރުގެ ނިންމެވުމެއްގެ ދަށުންނެވެ.



