ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމަށް ތާއީދުކުރައްވާކަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ރަސްމީކޮށް އިޢުލާނު ކުރައްވައިފިއެވެ.
އަންނަ މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިހާބުގައި މީކާއިލްއާ ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ، މީކާއިލް އިންތިހާބަށް ކުރިމަތިލެއްވި ހިސާބުން ފެށިގެން އެމަނިކުފާނުގެ ތާއީދު އޮތީ މީކާއިލްއަށް ކަމަށެވެ.
އަދި ރައީސް ނަޝީދު އިންތިހާބަށް ނުކުމެވަޑައިގަތީ އޭގެ މާ ފަހުން ކަމަށާއި، އެމަނިކުފާނުގެ ނިންމެވުމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށްވެސް ވިދާޅުވިއެވެ.
މި އިންތިހާބު މިހާރު ފެންނަނީ ރައީސް ނަޝީދުގެ ފިކުރާއި ރައީސް ސޯލިހުގެ ފިކުރާ ދެމެދު އޮތް ވަރުގަދަ ވާދަވެރިކަމެއްގެ ގޮތުގައެވެ. މީކާއިލްގެ ކެމްޕޭނުގައި ރައީސް ސޯލިހުގެ އަރިސް ބޭފުޅުންނާއި އެމަނިކުފާނުގެ ޓީމުން އަންނަނީ ފުޅާދާއިރާއެއްގައި ހަރަކާތްތެރިވަމުންނެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދު ބަޔާންކުރާ ގޮތުން، ޗެއާޕާސަން އަކީ ޕާޓީގެ އެތެރޭގެ ހިންގުމާއި އިންތިޒާމުތައް ބަލަހައްޓާ އެންމެ އިސް މަސްއޫލުވެރިޔާއެވެ. ފަސް އަހަރުގެ ދައުރަކަށް އިންތިހާބުކުރާ މި މަގާމުގެ މައިގަނޑު ޒިންމާތަކުގެ ތެރޭގައި، ސަރުކާރާއި އެހެނިހެން ސިޔާސީ ޕާޓީތަކާއެކު މުއާމަލާތް ކުރުމާއި، ޕާޓީގެ އެތެރޭގެ އިންތިހާބުތައް އިންތިޒާމު ކުރުމުގެ އިތުރުން، ކޮންގްރެސް އާއި ގައުމީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުން ހިމެނެއެވެ.




