ވ. އަތޮޅުގައި ޑައިވިނަށް ގޮސް އުޅުނު ޑައިވަރުންތަކެއް ގެއްލުނު ހިތާމަވެރި ހާދިސާއާ ގުޅިގެން، އެ ޑައިވަރުން ދަތުރުކުރި އުޅަނދުގެ އޮޕަރޭޓިންގް ލައިސަންސް ސަރުކާރުން ހިފަހައްޓައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގައި ގެއްލުނު ފަސް ޑައިވަރުންގެ ތެރެއިން، މިހާތަނަށް ފެނިފައިވަނީ ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު އެކަންޏެވެ. ކަނޑުގެ އަޑިން އޭނާގެ ހަށިގަނޑު ފެނިފައިވާއިރު، ބާކީ ތިބި ހަތަރު ޑައިވަރުން ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ހުއްޓުމެއްނެތި ދަނީ ކުރަމުންނެވެ.
ޓޫރިޒަމް މިނިސްޓްރީން ހާމަކުރި ގޮތުގައި، 2010 ވަނަ އަހަރު ބަނދެފައިވާ "އެމްވީ ޑޫކް އޮފް ޔޯކް" ސަފާރީގެ ލައިސަންސް ހިފަހައްޓާފައިވަނީ ވަކި މުއްދަތެއް ނެތް ގޮތަށެވެ. މިނިސްޓްރީގެ ރެކޯޑްތަކުން ދައްކާގޮތުގައި 12 ކޮޓަރީގެ މި އުޅަނދަކީ އަބްދުލް މުހުސިން މޫސާގެ މިލްކެކެވެ. އަދި މި ސަފާރީ އޮޕަރޭޓް ކުރަމުންދަނީ އޭނާއާއި އިބްރާހިމް ރަޝީދުގެ ހިއްސާ އޮންނަ އައިލެންޑު ކްރޫޒް ޕްރައިވެޓް ލިމިޓެޑުންނެވެ.
އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި، މިހާތަނަށް ފެނުނު ޑައިވަރުގެ ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރު އަޑީގައި އޮތް ކޭވްއެއްގެ ތެރެއިންނެވެ. ބާކީ ތިބި ހަތަރު ޑައިވަރުން ވެސް ވީކަމަށް ބެލެވެނީ، ގާތްގަނޑަކަށް 200 ފޫޓުގެ ދިގުމިން ހުރި މި ކޭވްގެ ތެރޭގައެވެ.
ރާއްޖޭގެ ޑައިވިންގ ގަވާއިދުތައް ބުނާގޮތުން ޑައިވްކުރުމަށް ހުއްދަ ދެވިފައިވާ އެންމެ ފުން މިނަކީ 30 މީޓަރެވެ. އެހެންކަމުން، ކަނޑައެޅިފައިވާ މިންގަނޑަށް ވުރެ ފުނަށް ޑައިވަރުން ފީނަންޖެހުނު ސަބަބު ކަމާގުޅުންހުރި އިދާރާތަކުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.




