ވ. އަތޮޅުގައި ފީނަން އުޅެނިކޮށް ގެއްލުނު އިޓަލީވިލާތުގެ ފަތުރުވެރިން ހޯދުމުގެ މަސައްކަތް، ސަރުކާރުން ނުހަނު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މި ހިތާމަވެރި ޙާދިސާއާ ގުޅިގެން އިޓަލީގެ ރައީސް ސަރޖިއޯ މަޓަރެއްލާއަށާއި، އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންގެ އިތުރުން، ގެއްލުނު ފަރާތްތަކުގެ އާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުޒިޔާ ފޮނުއްވާފައެވެ.
ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ފޮނުއްވި މެސެޖުގައި ރައީސް ވިދާޅުވީ، މި ޙާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށާއި، މި ދަނޑިވަޅުގައި ދިވެހި ރައްޔިތުންގެ ހެޔޮދުޢާ ވަނީ ގެއްލުނު ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތަކާ އެކުގައި ކަމަށެވެ.
ގެއްލިފައިވާ އިޓަލީގެ ހަތަރު ރައްޔިތުން ހޯދުމަށް ހިންގާ ޚާއްޞަ އޮޕަރޭޝަނަކީ ދިވެހި ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެއްކަން ފާހަގަކުރައްވަމުން، މި ކަމުގައި އިޓަލީ ސަރުކާރުން ދެއްވާ އެއްބާރުލުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ވ. އަތޮޅުގެ ޑައިވިންގ ސަރަޙައްދަކަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަސް މީހުންގެ ތެރެއިން، މިހާތަނަށް ފެނިފައިވަނީ އެކެއްގެ ހަށިގަނޑެވެ. ބާކީ ތިބި ހަތަރު މީހުން ހޯދުމުގެ މަސައްކަތުގައި އެމް.އެން.ޑީ.އެފްގެ ކޯސްޓްގާޑުން ދަނީ މެދުކެނޑުމެއްނެތި ޙަރަކާތްތެރިވަމުންނެވެ.




