ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި އާންމު ރައްޔިތުންގެ ޙައްޤުތަކަށް އުނިކަންލިބޭ ފަދަ އެއްވުންތައް ބޭއްވުމުގެ ފުރުޞަތު ނުދޭނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
މާލޭގެ މަގުތަކުގައި އާންމުންނަށް ދަތިވާ ގޮތަށް ބާއްވަމުންދާ މުޒާހަރާތަކާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައްޔިތުންގެ އަސާސީ ޙައްޤުތަކަށް ހުރަސްއެޅޭ ގޮތަށް ކުރިއަށްގެންދާ ހަރަކާތްތަކަށް ޖާގަ ނުދޭނެ ކަމަށެވެ.
މާލޭގެ އެކި ސަރަޙައްދުތަކުގައި ބާއްވާ އެއްވުންތަކުގެ ސަބަބުން މަގުތައް ބަންދުވެ، ދަތުރުފަތުރުގެ ނިޒާމަށާއި، ހިނގާބިނގާވެ އުޅޭ މީހުންނަށާއި، އުޅަނދު ދުއްވާ ފަރާތްތަކުގެ އިތުރުން ވިޔަފާރިތަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާކަމުގެ ޝަކުވާ ލިބެމުންދާކަމަށް ފުލުހުން ފާހަގަކުރިއެވެ.
ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން، އެއްވުންތައް އިންތިޒާމުކުރާ ފަރާތްތަކުން އާންމު ރައްކާތެރިކަމަށާއި އެހެން ފަރުދުންގެ ޙައްޤުތަކަށް އިޙުތިރާމު ކުރަންޖެހޭނެކަމަށް ފުލުހުން ހަނދާންކޮށްދިނެވެ.
އަދި ޤާނޫނުއަސާސީން ލިބިދޭ މި ޙައްޤުގެ ބޭނުންހިފުމުގައި، އެހެން މީހުންގެ އިންސާނީ ޙައްޤުތަކަށް އުނިކަން ނާންނާނެހެން އަމަލުތައް ބެހެއްޓުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން، "ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު" އާއި އެ ޤާނޫނަށް ގެނެވުނު އިސްލާހުތަކުގެ ދަށުން ލިބިދޭ ޙައްޤުތައް، އެއްވެސް ތަފާތުކުރުމެއް ނެތި ޤާނޫނީ އިމުގެ ތެރެއިން ހިމާޔަތްކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަޤީންކަން ފުލުހުންގެ އިދާރާއިން ވަނީ ދީފައެވެ.
ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ފަދައިން، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީން ކަނޑައަޅައި އިއުލާންކޮށްފައިވާ ސަރަހައްދުތައް ފިޔަވައި، މާލޭގެ އެހެން އެއްވެސް ސަރަހައްދެއްގައި އެއްވުމެއް ނުވަތަ ހިނގާލުމެއް ބޭއްވޭނީ ފުލުހުންގެ އިދާރާއިން ލިޔުމުން ދޭ ހުއްދައެއްގެ ދަށުންނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް އަދި އާންމު ރައްޔިތުންގެ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް ބާއްވާ އެއްވެސް ހަރަކާތަކަށް ފުރުސަތެއް ނުދެވޭނެއެވެ. އަދި ގާނޫނާ ޚިލާފަށް ބާއްވާ އެއްވުންތައް ރޫޅާލުމުގެ އިތުރުން، އެފަދަ ކަންކަން އިންތިޒާމުކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، އާންމު މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެ މުއައްސަސާއިން އަޅަމުންދާނެއެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 32 ވަނަ މާއްދާގެ ދަށުން ސުލްހަވެރިކަމާއެކު އެއްވެއުޅުމަކީ ކޮންމެ މީހަކަށްމެ ލިބިގެންވާ އަސާސީ ހައްގަކަށް ވީހިނދު، އެފަދަ އެއްވުންތައް ކުރިއަށްގެންދަންވާނީ އެހެން ފަރާތްތަކުގެ ހައްގުތަކާއި މިނިވަންކަމަށް އިހުތިރާމުކުރެވޭ ފަދަ ސުލްހަވެރި މާހައުލެއްގައިކަންވެސް ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ.
ހަމައެއާއެކު، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ހިންގޭ ހަރަކާތްތަކަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ފުލުހުންގެ ޚިދުމަތުން ފޯރުކޮށްދޭނެއެވެ. އެގޮތުން، އެފަދަ އެއްވުންތަކާއި ހިނގާލުންތައް ކުރިއަށްދާ ސަރަހައްދުތަކުގެ މަގުތަކުގެ އަމާންކަން ބެލެހެއްޓުމާއި، ބޭނުންވާ އެންމެހައި ސަލާމަތީ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ފުލުހުން ދަނީ ތައްޔާރުވަމުންނެވެ.



