ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ފަސް ޑައިވަރުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ފެނިފައިވާއިރު، ބާކީ ތިބި ހަތަރު މީހުން ކޭވްއެއްގެ ތެރޭގައި ތާށިވެފައިވާ ކަމަށް ބެލެވޭ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 13:45 ހާއިރުއެވެ. ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ސިފައިން ކުރަމުންދާއިރު، މި އޮޕަރޭޝަނުގައި ސަފާރީއަކާއި، ވ. އަތޮޅު ޕޮލިސް ސްޓޭޝަނުގެ އިތުރުން އަލިމަތާ ރިސޯޓުގެ އެހީތެރިކަން ދަނީ ލިބެމުންނެވެ.
މިހާތަނަށް ފެނިފައިވާ މީހާގެ ހަށިގަނޑު ފެނިފައިވަނީ ހޯދުމުގެ މަސައްކަތުގައި ބައިވެރިވި ސަފާރީގެ ޑައިވަރުންނަށް މިއަދު އިރުއޮއްސި 18:13 ހާއިރު ކަނޑުގެ އަޑިންނެވެ. އެމީހާގެ ހަށިގަނޑު މިހާރު ވަނީ ވ. ފުލިދޫ ހެލްތު ސެންޓަރަށް ގެންގޮސްފައެވެ.
ސިފައިން މައުލޫމާތު ދޭ ގޮތުގައި، މި މީހާގެ ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރު އަޑީގައި އޮތް ކޭވްއެއްގެ ތެރެއިންނެވެ. ބާކީ ތިބި ހަތަރު ޑައިވަރުން ވެސް ތިބޭނެ ކަމަށް ލަފާކުރެވެނީ ގާތްގަނޑަކަށް 200 ފޫޓު ދިގު މި ކޭވްގެ ތެރޭގައެވެ.
މިއީ ނުރައްކާތެރި އަދި "ހައި ރިސްކް" އޮޕަރޭޝަނަކަށް ވާތީ، ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި ބޭނުންވާ ޚާއްޞަ އާލާތްތައް މިހާރު ވަނީ އެ ސަރަހައްދަށް ފޮނުވާފައެވެ.
މި ހޯދުމުގެ މަސައްކަތް ނިމެންދެން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް "ޣާޒީ" އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާނެ ކަމަށް ވެސް ސިފައިން ބުނެފައިވެއެވެ.




