ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް ނޫސްވެރިން ހައްޔަރުކުރަމުންދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ، އެއީ ހަގީގަތެއް ނެތް ކަމެއް ކަމަށް ކަނޑައަޅައި ބޭރުކޮށްލައިފިއެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި މި މައްސަލައިގައި ބުނެފައިވަނީ، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "އަދަދު" ނޫހުގެ ނޫސްވެރިޔަކު ކުރި ސުވާލަކާ ގުޅިގެން އެ ނޫސްވެރިޔާ ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި އެ ނޫހުގެ ނޫސްވެރިންނަށް ރައީސް އޮފީހުގެ ބައްދަލުވުންތަކުގައި ބައިވެރިނުވެވޭނެކަން އަންގައި، ނޫސްވެރިކަމުގެ މިނިވަންކަމަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށްވެސް އެ މައްސަލައިގައި ތުހުމަތުކޮށްފައިވެއެވެ.
މީގެ އިތުރުން، ނޫހުގައި ޝާއިއުކުރި ބަޔާނަކާ ގުޅިގެން ނޫސްވެރިޔަކު ކުއްލި ގޮތަކަށް ބަންދުކުރުމަކީ މުޖުތަމައުގެ ތެރޭގައި ކަންބޮޑުވުން އުފެދިފައިވާ ކަމެއްކަން މީކާއިލް ފާހަގަކުރެއްވިއެވެ.
ނަމަވެސް، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މަޖިލީހަށް ހުށަހަޅާ ކުއްލި މައްސަލަތަކަކީ ސައްހަ މައުލޫމާތުގެ މައްޗަށް ބިނާވެފައިވާ ކަންކަމަށް ވާންޖެހޭނެ ކަމަށެވެ.
މީކާއިލް ހުށަހެޅުއްވި މައްސަލައިގައި ބަޔާންކޮށްފައިވާ ކަންކަމަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ރިޔާސަތުން ކަނޑައެޅުމާ ގުޅިގެން، އެ މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ.



