ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައި، އެ އޮތޯރިޓީގެ މުވައްޒަފުން ސިވިލް ސާވިސްގެ އޮނިގަނޑުގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މި ބިލު ފާސްވެގެންދިޔައީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 59 މެންބަރުންގެ ތާއީދާއެކުގައެވެ.
"ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު" އަށް މި އިސްލާހު ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲ އެވެ. މި އިސްލާހުގެ މައިގަނޑު އަމާޒަކީ އެލްޖީއޭގެ މުވައްޒަފުންނަކީ ސިވިލް ސާވިސްގެ މުވައްޒަފުން ކަމުގައި ކަނޑައެޅުމުގެ އިތުރުން، ކައުންސިލްތަކުން ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތަކުގެ ތެރޭގައި ކުނި މެނޭޖްކުރުމުގެ ހިދުމަތް ރަސްމީކޮށް ހިމެނުމެވެ.
މި ބިލު ދިރާސާކުރި ލާމަރުކަޒީ ކޮމިޓީން ގެނައި ބަދަލުތަކާއެކު، އެލްޖީއޭއަށް މުވައްޒަފުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު ސިވިލް ސާވިސް ކޮމިޝަނަށް ދީފައިވަނީ އޮތޯރިޓީގެ މަޝްވަރާއާއި ލަފާގެ މަތިންނެވެ. މީގެ އިތުރުން، މުވައްޒަފުންގެ އިދާރީ ކަންކަމުގައި އެންމެ އިސްކޮށް ޒިންމާވާނެ ފަރާތަކީ އޮތޯރިޓީގެ ސީއީއޯ ކަމަށް ކަނޑައަޅާފައިވާއިރު، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުންނެވެ.
ކޮމިޓީ މަރުހަލާގައި ބިލަށް ގެނައި އިތުރު މުހިންމު ބަދަލެއްގެ ގޮތުގައި، ކައުންސިލްތަކަށް ދޫކުރާ ފައިސާގެ އުސޫލަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، ދައުލަތަށް ދައްކަންޖެހޭ ޓެކުހާއި، ފެނާއި، ނަރުދަމާ އަދި ކަރަންޓުގެ އިތުރުން ކުނި މެނޭޖްކުރުމުގެ ހިދުމަތްތަކަށް ދައްކަންޖެހޭ ފައިސާ ހަ މަސް ދުވަހަށްވުރެ އިތުރަށް ނުދައްކާ އޮތްނަމަ، އެ ފައިސާ ކައުންސިލްތަކަށް ދޫކުރާ ބަޖެޓުން އުނިކުރުމަށްފަހު ބާކީވާ އަދަދު ދޫކުރާގޮތަށް ވަނީ އިސްލާހުކޮށްފައެވެ.




