އީރާނާއެކު ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ސިއްރު ދަތުރުފުޅެއްގައި އެކުވެރި އަރަބި އިމާރާތަށް ވަޑައިގެންފި ކަމަށް ޖާސޫސީ މަސްދަރުތަކުން ހާމަކޮށްފިއެވެ.
މި ދަތުރުފުޅަކީ އީރާނުން އެކުވެރި އަރަބި އިމާރާތަށް މިސައިލް ހަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގައި، އިޒްރޭލާއި އެ ގައުމާ ދެމެދު އޮތް އަސްކަރީ ގުޅުން އިތުރަށް ވަރުގަދަވެފައިވާ މިންވަރު ހާމަކޮށްދޭ ދަތުރުފުޅެކެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި ދަތުރުފުޅު ކުރައްވާފައިވަނީ 2026 ވަނަ އަހަރުގެ މާރިޗު މަހުގެ ފަހުކޮޅު ނުވަތަ އޭޕްރީލް މަހުގެ ކުރީކޮޅުގައެވެ. އެއީ އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނުގެ ނިއުކްލިއަރ އަދި އަސްކަރީ މަރުކަޒުތަކަށް ދިން ހަމަލާތަކާ ގުޅިގެން، އީރާނުން ވަރުގަދަ ރައްދު ހަމަލާތަކެއް ދެމުންދިޔަ ދުވަސްވަރެކެވެ.
ނަތަންޔާހޫގެ މި ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ، އެކުވެރި އަރަބި އިމާރާތަށް ބޭނުންވާ ދިފާއީ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭގޮތުން މަޝްވަރާކުރުމެވެ. މީގެ ތެރޭގައި އިޒްރޭލުގެ "އަޔަން ޑޯމް" ވައިގެ ދިފާއީ ނިޒާމު ފުރަތަމަ ފަހަރަށް އެ ގައުމަށް ފޮނުވުމާއި، އެކުވެރި އަރަބި އިމާރާތުގެ މުހިންމު ތަންތަން ރައްކާތެރިކުރުމަށް އިޒްރޭލުގެ ސިފައިން ހަރަކާތްތެރިވުން ހިމެނެއެވެ.
މި ނިންމުން ނިންމާފައިވަނީ ނަތަންޔާހޫ އާއި އެކުވެރި އަރަބި އިމާރާތުގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒައިދު އާލް ނަހްޔާނާ ދެމެދު ކުރެވުނު ސީދާ މަޝްވަރާތަކަށް ފަހުގައެވެ.
އިޒްރޭލުގެ ސިފައިން ވަނީ އީރާނުން ފޮނުވާލި ބެލިސްޓިކް މިސައިލްތަކާއި ޑްރޯންތައް ހުއްޓުވުމުގައި ޔޫއޭއީގެ ސިފައިންނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. ހަމައެއާއެކު، އެކުވެރި އަރަބި އިމާރާތުން ވެސް ވަނީ އެ ގައުމުގެ "މިރާޖް" މަތިންދާބޯޓުތައް ބޭނުންކޮށްގެން އީރާނުގެ ތެޔޮ ރަށްތަކަށް ސިއްރު ހަމަލާތަކެއް ދީފައެވެ.
މީގެ އިތުރުން، އިޒްރޭލުގެ ޖާސޫސީ އިދާރާ، މޮސާޑްގެ ވެރިޔާ ޑޭވިޑް ބާނިއާ ވެސް ވަނީ ޖާސޫސީ މައުލޫމާތު ހިއްސާކުރުމަށާއި ހަމަލާދޭނެ އަމާޒުތައް ކަނޑައެޅުމަށްޓަކައި އެތައް ފަހަރަކު އަބޫދާބީއަށް ސިއްރު ދަތުރުތަކެއް ކުރައްވާފައެވެ. ދެ ގައުމުގެ އޮފިޝަލުން މި ގުޅުން ސިފަކުރައްވަނީ އެއް އަމާޒަކަށް މަސައްކަތްކުރާ "އެއްބަނޑު އެއްބަފާ" ގުޅުމެއްގެ ގޮތުގައެވެ. 2020 ވަނަ އަހަރުގެ "އަބްރަހަމް އެކޯޑްސް" އަށް ފަހު އުފެދުނު މި ގުޅުން މިހާރު ވަނީ ފުރިހަމަ އަސްކަރީ އެއްބާރުލުމަކަށް ބަދަލުވެފައެވެ.



