ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސަޢޫދީ އަރަބިއްޔާއަށް ފުރާ ޙައްޖާޖީންނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގައި ހާއްސަ އިންތިޒާމުތަކެއް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހަމަޖައްސައިފި އެވެ.
އެމްއޭސީއެލްއިން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ، މި އިންތިޒާމުތައް ހަމަޖައްސާފައިވަނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެނޑް އެންޑައުމަންޓްސް، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ އިތުރުން ކަމާގުޅުންހުރި އިދާރާތައް ގުޅިގެން ކަމަށެވެ.
މި އަހަރު ރާއްޖެއިން ފުރާ ޙައްޖާޖީން ފުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަންގެ ދެ ފްލައިޓް އަދި ސައުދިއާގެ ދެ ފްލައިޓްއިންނެވެ. މި ފްލައިޓްތަކުން ފުރާ ޙައްޖާޖީންނަށް މައްކާރޫޓް އިނިޝިއޭޓިވްގެ ދަށުން ވަނީ ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސައިފައެވެ.
ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15، 17، 18 އަދި 19 ވަނަދުވަހު އެވެ.
މީގެ ތެރެއިން 15 މޭ 2026 ވާ ހުކުރު ދުވަހު ފުރުމަށް ހަޖެހިފައިވާ، ސައުދީއާގެ ފުރަތަމަ ފްލައިޓުން 242 ޙައްޖާޖީން ފުރުމަށް ވަނީ ހަމަޖެހިފައެވެ. މިދުވަހު ޙައްޖުވެރިން ގޮވައިގެން އެއަރޕޯޓަށް އަންނަ ބަސްތައް މަޑުކުރާނީ ވީއައިއޭގެ ކުރީގެ ޑޮމެސްޓިކް ޓަރމިނަލް ކުރިމައްޗަށް ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ. އަދި ޙައްޖާޖީންނަށް ހުކުރު ނަމާދުކުރުމުގެ އިންތިޒާމު އެހެން އަހަރުތަކެކޭ އެއްފަދައިން ވޯޓަރ ފްރަންޓު އިމާރާތުގެ ތިރީގައި ހަމަޖެހިފައިވާނެކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ.
މެއި 17، 18 އަދި 19 ވަނަ ދުވަހު ފުރާ ޙައްޖާޖީންގެ ގޮވައިގެން އަންނަ ބަސްތައް މަޑުކުރުމަށް ހަމަޖެހިފައިވަނީ ޓަރމިނަލް 2 ޑޮރޮޕް އޮފް އަށެވެ. އަދި މިދުވަސްތަކުގައި ޙައްޖާޖީން މަޑުކުރުމަށް ހަމަޖެހިފައިވަނީ ޓަރމިނަލް 2 ގެ ކޮންކޯސް އޭރިއާގައެވެ.
ޙައްޖާޖީން ފުރުމަށް ހަޖަހިފައިވާ ވަގުތުތަކުގައި، ފުރުމުގެ އެންމެހާ ކަންކަން ފަސޭހަކަމާއި އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި އެއަރޕޯޓުގެ އޮފިޝަލުން މި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުން ދާނެކަމަށް ވެސް އެމްއޭސީއެލްއިން އާއްމުކުރި ބަޔާނުގައި ބުނެފައިވެއެވެ.
އެމްއޭސީއެލްއިން ޙައްޖާޖީންނަށް ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސާއިރު، ސަޢޫދީ އަރަބިއްޔާއަށް ދިއުމާއި، ސަޢޫދީގައި ޙައްޖާޖީން ހޭދަކުރާ މުއްދަތުގައި ޚިދުމަތްތައް ފުރިހަމަކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.



