ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް، ވެރިކަން ކުރާ ޕީއެންސީގެ ރަސްމީ ވަޓްސްއެޕް ގްރޫޕުން މިއަދު ކުއްލި ގޮތަކަށް ބޭރުކުރައްވައިފިއެއެވެ.
ޕީއެންސީގެ ރައީސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިސްވެ ހުންނަވައިގެން، މަޖިލިސް މެންބަރުންނާ މުޢާމަލާތް ކުރެއްވުމަށް ހިންގަވާ މި ގްރޫޕުން ނާޒިމް ވަކިކުރިކަން ކަށަވަރުވެފައިވީ ނަމަވެސް، އެކަން ކުރި ސީދާ ސަބަބެއް މިހާތަނަށް ރަސްމީކޮށް ސާފެއް ނުވެއެވެ.
ނާޒިމް މި ގްރޫޕުން ވަކިކޮށްފައި މިވަނީ، އޭނާގެ މައްސަލަތަކެއް ފުލުހުން ބަލަމުންދާ ކަމަށް ދެކެވުނު ވާހަކަތަކެއް ހޯމް މިނިސްޓަރު ޢަލީ އިޙްސާން ދޮގުކުރައްވާފައި ވަނިކޮށެވެ.
ނަމަވެސް، ފާއިތުވި މަހުގެ 20 ވަނަ ދުވަހު ނާޒިމް ވަނީ މަޖިލީހުގެ އެންމެ ނުފޫޒުގަދަ ދެ ކޮމިޓީ ކަމަށްވާ މާލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީން ވަކިކޮށްފައެވެ. އެ ކޮމިޓީތަކުން އޭނާ ވަކިކުރުމަށްފަހު ބަދަލުކޮށްފައިވަނީ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށެވެ.
އަޙްމަދު ނާޒިމް މަޖިލީހުގެ ނައިބު ރައީސްކަމުގެ މަޤާމަށް އިންތިޚާބުވީ 28 މޭ 2024 ގައި، 80 މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. އެ ދުވަހަކީ މަޖިލީހުގެ ރައީސްކަމަށް ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް އިންތިޚާބު ކުރެވުނު ދުވަހެވެ.



