ހޯރްމުޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަށް މިހާރު ކުރިމަތިވެފައިވާ ހުރަސްތަކާއެކު އެ މަގު ބަންދުވެފައި އޮންނަ ނަމަ، ދުނިޔޭގެ ތެލުގެ ބާޒާރަށް ކޮންމެ ހަފުތާއަކު ގާތްގަނޑަކަށް 100 މިލިއަން ފީފާގެ ތެޔޮ މަދުވާނެ ކަމުގެ އިންޒާރު ސައުދީ އަރަމްކޯގެ ސީއީއޯ އަމީން ނާސިރު ހޯމަ ދުވަހު ދެއްވައިފިއެވެ.
ނާސިރު މިހެން ވިދާޅުވީ އެމެރިކާއާއި އީރާނާ ދެމެދު ހަނގުރާމައަށް ފަހު ތެޔޮ އުފުލާ އުޅަނދުތަކަށް އެ ކަނޑުއޮޅިން ދަތުރުކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި އާންމުގޮތެއްގައި އުފުލަނީ މި ކަނޑުއޮޅި މެދުވެރިކޮށެވެ.
"ހޯރްމުޒް ކަނޑުއޮޅީގެ ދަތުރުތަކަށް މިހާރު ކުރިމަތިވެފައިވާ ބުރޫތައް މިގޮތުގައި ކުރިއަށްދާނަމަ، އަދި އެ މަގު ބަންދުވެފައި އޮންނަ ނަމަ، ކޮންމެ ހަފުތާއަކު ބާޒާރަށް ލިބޭ ތެލުން ގާތްގަނޑަކަށް 100 މިލިއަން ފީފާ މަދުވާނެ،" ނާސިރު ވިދާޅުވިއެވެ.
އަދި ތެޔޮ ފޯރުކޮށްދިނުމަށް މިހުރި ހުރަސްތައް ދެމިއޮތްހާ ހިނދަކު، ތެޔޮ ބޭނުންކުރުން ކޮންޓްރޯލްކުރަން ޖެހޭ ހާލަތު ކުރިއަށްދާނެ ކަމަށް ވެސް އޭނާ ލަފާކުރެއްވިއެވެ.
މީގެ އިތުރުން، ކަނޑުއޮޅި ބަންދުވެފައި އޮންނަ މުއްދަތު ދިގުލައިގެން ދިއުމަކީ ތެލުގެ ބާޒާރު އާންމު ހާލަތަކަށް ރުޖޫއަވުން ވަރަށް ބޮޑަށް ލަސްވެގެންދާނެ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ކަނޑުއޮޅި ވަގުތުން ހުޅުވައިފި ނަމަ ކުރިއަށް އޮތް މަދު މަސްތަކެއްގެ ތެރޭގައި ބާޒާރު ހަމައަކަށް އެޅިދާނެ ކަމަށް ބެލެވުނު ނަމަވެސް، ހަފުތާތަކަކަށް ވުރެ ގިނަ ދުވަހަށް ބަންދުވެފައި އޮވެއްޖެ ނަމަ، ބާޒާރު އެއްކޮށް ހަމައަކަށް އެޅުމަށް 2027 ވަނަ އަހަރާ ހަމައަށް ދިގުލައިގެން ހިނގައިދާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.
މި މައްސަލައިގެ ސަބަބުން ވޭތުވެދިޔަ ދެ މަސްދުވަހުގެ ތެރޭގައި ދުނިޔޭގެ ބާޒާރަށް ގާތްގަނޑަކަށް 1 ބިލިއަން ފީފާގެ ތެޔޮ ވަނީ މަދުވެފައެވެ.
މިއީ ތެލުގެ ސިނާއަތަށް ކުރަންޖެހޭ އިންވެސްޓްމަންޓްތައް މަދުވުމާއި ތެޔޮ ރައްކާކޮށްފައި ހުރި މިންވަރު ދަށްވުމުގެ ސަބަބުން ކުރިމަތިވެފައިވާ ދަތިތަކަށް އިތުރުވި ބޮޑު ބުރައެކެވެ.
އަރަމްކޯއިން ވަނީ އެ ކުންފުނީގެ 'އީސްޓް-ވެސްޓް' ހޮޅިލައިން މެދުވެރިކޮށް ރަތްކަނޑުގެ ޔަންބޫ ބަނދަރަށް ތެޔޮ ބޭރުކޮށްގެން، މި ހާލަތުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ކޮންމެވެސް މިންވަރަކަށް ކުޑަކުރުމަށް މަސައްކަތް ކޮށްފައެވެ.
ނަމަވެސް، މިގޮތަށް ފޯރުކޮށްދެވޭ ތެލުގެ މިންވަރު އަދިވެސް ހުރީ މި މައްސަލަ ކުރިމަތިވުމުގެ ކުރިން ހުރި މިންވަރަށް ވުރެ ދަށުގައެވެ.
ހަނގުރާމައަށް ފަހު ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ސައުދީ އަރަމްކޯއަށް ވަނީ މިއަހަރު ފުރަތަމަ ކުއާޓާގައި25 އިންސައްތަ ފައިދާ އިތުރުވެފައެވެ.
ނަމަވެސް ހަނގުރާމަ ދިގުލައިފި ނަމަ މެދުއިރުމަތީ ގައުމުތަކަށް ތެލަށް ބަރޯސާވާ ގައުމުތަކުން އެހެން މާކެޓަކަށް ބަދަލުވުމުގެ ބިރު މިހާރު ވަނީ އުފެދިފައެވެ.




