ކޯޓު އަމުރާ ޚިލާފުވިކަމަށް ތުހުމަތުކޮށް، "އަދަދު" ނޫހުގެ ނޫސްވެރިޔާ މުޙައްމަދު ޝަހްޒާން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭރުކޮށްލައިފިއެވެ.
ޝަހްޒާން އޮފީހުން ނެރުނީ، ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ބައްދަލުކުރެއްވި ޕްރެސް ކޮންފަރެންސްގައި އޭނާ ކުރި ސުވާލަކާ ގުޅިގެން، ކްރިމިނަލް ކޯޓުގެ ގޭގް އޯޑަރާ ޚިލާފުވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެ، ނެރެދިނުމަށް އަންގަވައިގެންނެވެ.
ޝަހްޒާން ސުވާލު ކުރީ "އަދަދު" ނޫހުން އާންމުކުރި ޑޮކިއުމެންޓްރީއަކާ ގުޅޭ ގޮތުންނެވެ. ނަމަވެސް، ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރެއްގައި ވަނީ، އެ ޑޮކިއުމެންޓްރީގައި ހިމެނޭ ވާހަކަތައް ސީދާ ގޮތުންނާއި ނުސީދާ ގޮތުންވިޔަސް ފެތުރުމާއި، ވީޑިއޯ ދައުރުކުރުން ހުއްޓުވައި، ތަފްސީލުތައް ހާމަކުރުން މަނާކޮށްފައެވެ.
ޝަހްޒާންގެ ސުވާލާ ގުޅިގެން ރައީސް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ގާނޫނުގެ ވެރިކަން ނުވަތަ "ރޫލް އޮފް ލޯ" ދެމެހެއްޓޭނެ ކަމަށެވެ. އަދި ތިމަންނާގެ ބޮލުގައި އަޅުވަނީ ހަގީގަތެއް ނެތް ދޮގު އިލްޒާމްތަކެއް ކަމަށްވެސް ވިދާޅުވިއެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ މުޖުތަމައުގެ އަޚްލާގީ މިންގަނޑުތައް ހިމާޔަތްކުރުމުގެ ގޮތުން، ދައުލަތުން ހިންގާ ބައެއް ޝަރީއަތްތައް ސިއްރިއްޔާތުގައި ކުރިއަށް ގެންދިއުމަކީ ގާނޫނީ ގޮތުން ލާޒިމު ކަމެކެވެ.
ވީ ކަމުން، ދައުވާ ލިޔެކިޔުންތަކާއި ޝަރީއަތާ ގުޅޭ ކޮންމެ ކަހަލަ މައުލޫމާތެއް ފެތުރުމަކީ ކޯޓުގެ ހުރުމަތް ކެނޑޭ ކަމެއް ކަމުގައި ބެލިދާނެ ކަމަށް ވެސް ކޯޓު އަމުރުގައި ވަނީ ހާމަކޮށްފައެވެ.




