މިދިޔަ ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ ތެރެއިން މިއަދަށް ހަމަވާ 50 މިލިއަން ޑޮލަރުގެ ލޯނު މިއަދު ހެނދުނު ދައްކަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ، ކޮންމެ ހަފްތާއަކު ސިލްސިލާކޮށް ކުރިއަށްގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ދަރަނި ދެއްކުމުގައި ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ތަފްޞީލް ހިއްސާކުރައްވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ނަގާފައި ހުރި ލޯނުތައް ދެއްކުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުން އަންނައިރު ސުކޫކުގެ ގޮތުގައި 524 މިލިއަން ޑޮލަރާއި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އާއި އެކު ޖުމުލަ 974 މިލިއަން ޑޮލަރުގެ ދަރަނި މިހާތަނަށް ދައްކަވާފައިވާކަމަށެވެ. މީގެ ތެރޭގައި، އިންޑިއާއިން ނެގި 150 މިލިއަން ޑޮލަރުގެ ލޯނުތަކުގެ ތެރެއިން 50 މިލިޔަން ޑޮލަރު ދައްކަންޖެހޭ މުއްދަތު 2026 މެއި 11 އަށް ހަމަވާތީ، މިއަދު ހެނދުނު އެ ފައިސާ ދައްކަވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިއީ ސަރުކާރުން ރައްޔިތުންގެ ހެވާއި ލާބަޔަށްޓަކައި، ރައްޔިތުންގެ ބޮލުން ދަރަނި ފިލުވުމަށްޓަކައި ކުރައްވަމުންގެންދަވާ ކަމެއް ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް ރައްޔިތުންގެ ބޮލުގައި އެޅިފައިހުރި ބޮޑެތި ދަރަނިތަކުން ރައްޔިޔުން ސަލާމަތް ކުރަމުން ގެންދަވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ދައުލަތުގެ މަތީ މަޤާމުތައް އަދާކުރައްވާފައިވާ ބޭފުޅުން، ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭގޮތަށާއި ޤައުމުގެ އިޤްތިޞާދަށް ނޭދެވޭ އަސަރުކުރާގޮތަށް، ޙަޤީޤަތާއި ޚިލާފު ވާހަކަތައް ނުފެތުރުމަށްވެސް އިލްތިމާސްކުރައްވާފައެވެ.
މީގެ އިތުރުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހަނގުރާމައާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއަށް ލިބުނު ގެއްލުމަށް އެހީތެރިކަން ދެވޭނެ ގޮތެއް ސަރުކާރުން ބަލަމުންދާކަމަށެވެ. އެގޮތުން، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ވަޒީރުންގެ ޚާއްޞަ ކޮމިޓީން އެކަމުގައި ދާއިރާގެ ސްޓޭކްހޯލްޑަރުންނާ މަޝްވަރާ ކުރައްވަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.




