އެމްޑީޕީ އުފެދިގެން އައީ ހަމައެކަނި ވަކި މީހަކު ވި ގުރުބާނީއަކުން ނޫން ކަމަށާއި، އެއީ ގިނަ ބައެއްގެ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހްމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.
މީކާއިލް ފާހަގަކުރެއްވި ގޮތުގައި ޕާޓީ އުފެއްދުމުގައި ހިއްސާވި އެހެން މީހުންގެ މަސައްކަތްތައް އެއްފަރާތްކޮށް، އެއީ އެންމެ މީހެއްގެ މަސައްކަތް ކަމަށް ދެއްކުމަކީ އެ އެންމެންނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެކެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވާދަކުރައްވާ މީކާއިލް މިހެން ވިދާޅުވީ އޭނާގެ ކެމްޕޭން ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ރައީސް ނަޝީދު ވަނީ ޕާޓީއަށްޓަކައި އެންމެ ބޮޑު ގުރުބާނީއެއް ވެވަޑައިގަތީ އެމަނިކުފާނު ކަމަށާއި، ރާއްޖޭގައި ސިޔާސީ ޕާޓީއެއްގެ ފިކުރު އެންމެ ފުރަތަމަ އުފެއްދެވީ ވެސް އެމަނިކުފާނު ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް މީކާއިލް ވިދާޅުވީ ނަޝީދުގެ ހިދުމަތްތައް ބަލައިގަތް ނަމަވެސް، ރާއްޖޭގެ ސިޔާސީ ނިޒާމު ބަދަލުކޮށް މިނިވަން ޕާޓީތައް އުފެއްދުމުގައި އެތައް ބައެއްގެ ލޭ އޮހޮރިފައިވާ ކަމަށެވެ.
މީކާއިލް އިތުރަށް ވިދާޅުވީ ޕާޓީގެ ބާނީންގެ ތެރޭގައި ހިމެނޭ މުހައްމަދު ލަތީފާއި، އީވާން ނަސީމް ފަދަ ފަރާތްތަކުގެ ޒިކުރާ އާކުރަން ޖެހޭ ކަމަށެވެ.
އަދި މިހާރު ކުރިއަށްދާ އިންތިހާބަކީ ރިޔާސީ ޕްރައިމަރީއެއް ނޫން ކަމަށާއި، މިވަގުތު މުހިންމީ 2023 ވަނަ އަހަރުގެ އިންތިހާބުން ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީން އަރައިގަނެ، ޕާޓީ އަލުން އާރާސްތުކުރުމުގެ ވާހަކަ ދެއްކުން ކަމަށް އޭނާ ވިދާޅުވިއެވެ.



