ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު މަދުވުމުގެ ސަބަބުން، ފަތުރުވެރިކަމުގެ ދާއިރާއަށް 500 މިލިއަން ޑޮލަރަށް ވުރެ ބޮޑު މާލީ ހީނަރުކަމެއް ކުރިމަތިވެފައިވާކަން މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އަދި ނޭޝަނަލް ގެސްޓްހައުސް އެންޑް ހޮޓެލް އެސޯސިއޭޝަން (އެންއެޗްޖީއޭއެމް) އިން ހާމަކޮށްފިއެވެ.
މި ދެ ޖަމިއްޔާ ގުޅިގެން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ފަތުރުވެރިން އަންނަ މިންވަރު ދަށްވުމަކީ އިޤުތިޞާދީ ގޮތުން ލިބޭ ވަރަށް ބޮޑު ދެރައެކެވެ. ބުކިންތަކާއި ކެންސަލޭޝަންތަކަށް ރިއާޔަތްކޮށް، 2026 ވަނަ އަހަރުގެ މާރިޗު މަހާ ހަމައަށް މި ސިނާއަތަށް ލިބޭނެ ގެއްލުން 500 މިލިއަން ޑޮލަރަށް ވުރެ އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާރިޗު މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް ފަތުރުވެރިން އައި މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މީގެ ސަބަބުން ބޭރު ފައިސާ ލިބުމަށާއި، ވަޒީފާތަކަށް އަދި މުޅި ޤައުމުގެ އިޤުތިޞާދަށް ނުރައްކާވެފައިވާ ކަމަށް ބަޔާނުގައިވެއެވެ. ވަކިން ޚާއްޞަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، ގެސްޓްހައުސްތަކާއި ޓްރެވަލް އެޖެންޓުންނަށް މިކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރަމުންދާ ކަމަށާއި، އެކަށީގެންވާ ހައްލެއް ނުލިބިއްޖެ ނަމަ ބައެއް ވިޔަފާރިތައް ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.
މި ހާލަތުން އަރައިގަތުމަށްޓަކައި ސަރުކާރަށާއި މާލީ އިދާރާތަކަށް އެ ދެ ޖަމިއްޔާ އިން ވަނީ ބައެއް ކަންކަން ހުށަހަޅާފައެވެ. އޭގެ ތެރޭގައި ޚާއްޞަ ލޯނުތަކާއި، އިންޓަރެސްޓް ނުހިމެނޭ ގޮތަށް ލޯނު ދެއްކުން ފަސްކޮށްދިނުމާއި، ޓެކްސް އަދި ފީތައް ދެއްކުމުގައި ލުއިތަކެއް ހޯދައިދިނުން ހިމެނެއެވެ. އަދި އެއާޕޯޓް ތެލުގެ އަގާއި ވިޔަފާރި ހިންގުމުގެ ޚަރަދުތައް ކުޑަކުރުމަށް ވެސް ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން، އިމާރާތްކުރުމަށް ބޭނުންވާ ތަކެތީގެ އަގު އުފުލުމުގެ ސަބަބުން ފަތުރުވެރިކަމުގެ މަޝްރޫޢުތަކަށް ހުރަސް އެޅެމުންދާކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމަކީ މީގެ ކުރިން ވެސް ތަފާތު ގޮންޖެހުންތަކުން އަރައިގަނެފައިވާ ސިނާއަތެއް ނަމަވެސް، މިހާރުގެ ހާލަތުން ސަލާމަތްވުމަށް އަވަސް ފިޔަވަޅުތަކެއް ބޭނުންވާ ކަމަށް އެ ފަރާތްތަކުން ބުނެއެވެ. ވިޔަފާރިތަކާއި ވަޒީފާތައް ހިމާޔަތްކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމުގައި ދެމިތިބޭނެ ކަމުގެ ޔަޤީންކަން މަޓާޓޯ އާއި އެންއެޗްޖީއޭއެމް އިން ވަނީ ދީފައެވެ.



