ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ ނިއުދިއްލީއަށް ވަޑައިގެންފިއެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެއް ކަމަށް މަޢުލޫމާތު ލިބިފައިވީ ނަމަވެސް، މި ދަތުރުފުޅާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ރައީސް ޞާލިޙް ދިއްލީއަށް ވަޑައިގެންނެވިއިރު، އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ފޯރިގަދަވެފައިވާ މި ދަނޑިވަޅުގައި ރައީސް މުހައްމަދު ނަޝީދުވެސް މިވަގުތު ހުންނެވީ ދިއްލީގައެވެ.
ރައީސް ނަޝީދު ދިއްލީއަށް ވަޑައިގެންނެވީ މި މަހުގެ 6 ވަނަ ދުވަހު، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ބޭއްވުނު މަޝްވަރާ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށެވެ.
އެމްޑީޕީގައި އުފެދިފައިވާ ދެ ފެކްޝަނެއްގެ ލީޑަރުންގެ ގޮތުގައި ފާހަގަކުރެވޭ މި ދެ ބޭފުޅުން އެއްވަގުތެއްގައި ދިއްލީގައި ތިއްބެވި ނަމަވެސް، ދެ ބޭފުޅުން ބައްދަލުކުރެއްވިކަން އަދި ސާފެއް ނުވެއެވެ.
ރައީސް ނަޝީދު މިއަދު މެންދުރު 11:45 ހާއިރު މާލެ ވަޑައިގަތުމަށް ފަހު ނޫސްވެރިންނާވެސް ބައްދަލުކުރައްވާފައެވެ.
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، ރައީސް ޞާލިޙާއި ރައީސް ނަޝީދުގެ ފެކްޝަނުން ގެންދަނީ އެއް ބަޔަކު އަނެއް ބަޔަކަށް ސިޔާސީގޮތުން ވަރުގަދަ ބަހުގެ ހަމަލާތަކެއް ރައްދުކުރަމުންނެވެ.



