އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގެ މަދަނީ ސަރަޙައްދުތަކަށާއި މުހިންމު އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ދާދި ފަހުން ދިން ޑްރޯން އަދި މިސައިލް ހަމަލާތައް ދިވެހިރާއްޖޭން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
މި ހަމަލާތަކާ ގުޅިގެން ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި، މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު، އަދި ސަރަޙައްދީ ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި، ޔޫއޭއީއަށް ދެމުންދާ މިފަދަ ހަމަލާތަކަކީ އެ ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އަމަލެކެވެ. އަދި މިއީ މެދުއިރުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ސީރިއަސް ނުރައްކަލެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މި ދަނޑިވަޅުގައި ދިވެހިރާއްޖެއިން އޮތީ ޔޫއޭއީގެ ސަރުކާރާއި ރައްޔިތުންނާ އެކު ފުރިހަމަ އެއްބައިވަންތަކަމެއްގައި ކަމަށާއި، އެ ގައުމުގެ ސިޔާދަތާއި ސަލާމަތް ކަށަވަރުކުރުމަށް އަޅާ ފިޔަވަޅުތަކަށް ރާއްޖޭގެ ފުރިހަމަ ތާއީދު އޮންނާނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ.
ފަހުގެ ތާރީޚެއްގައި ޔޫއޭއީގެ ތެލުގެ މުއައްސަސާތަކަށާއި ވިޔަފާރި ބޯޓުފަހަރަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދީފައިވާއިރު، ދާދި ފަހުން އެކަނި ވެސް ޔޫއޭއީގެ ދިފާޢީ ނިޒާމުތަކުން ވަނީ ގިނަ އަދަދެއްގެ މިސައިލާއި ޑްރޯން ވައްޓާލާފައެވެ. މިފަދަ ހަމަލާތަކުގެ ސަބަބުން އާންމުންގެ ފުރާނައަށާއި ދުނިޔޭގެ އިގުތިސާދަށް ލިބިދާނެ ގެއްލުންތަކާމެދު ބައިނަލްއަޤުވާމީ މުޖުތަމަޢުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމުގެ މުހިންމުކަމަށް ބާރުއަޅަމުން، ދިވެހި ސަރުކާރުން ވަނީ މަޝްވަރާގެ މަގު އިޚްތިޔާރުކޮށް، ސަރަހައްދުގެ މަސްރަހު އިތުރަށް ގޯސްވިޔަ ނުދިނުމަށް ހުރިހާ ފަރާތްތަކަކަށް ގޮވާލާފައެވެ. މިއީ މުޅި ދުނިޔޭގެ ސަލާމަތަށް ވެސް ނުހަނު ބޭނުންތެރި ކަމެއްކަން ސަރުކާރުން ފާހަގަކުރެއެވެ.
ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޔޫއޭއީގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒާއިދު އާލް ނަހްޔާންއާ ފޯނުން ގުޅުއްވައި، ސަރަހައްދީ ސަލާމަތާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ފޯނު ކޯލުގައި ވެސް ރައީސް ވަނީ ޔޫއޭއީއަށް ދެމުންދާ ހަމަލާތައް ކުށްވެރިކުރައްވައި، ރާއްޖެއިން ޔޫއޭއީއާއެކު ސާބިތުވެ އޮންނާނެކަމުގެ ޔަގީންކަން އަރުވާފައެވެ.




