ބްރެޒިލްގެ ތަރި ވިނީޝިއަސް ޖޫނިއާ ޖެހި ދެ ލަނޑާއެކު، އެސްޕަންޔޯލް އަތުން 2-0 އިން މޮޅުވެ ރެއާލް މެޑްރިޑުން ސްޕެނިޝް ލީގުގެ ތަށި ބާސެލޯނާއަށް ލިބުނަ ނުދީ ހިފަހައްޓައިފިއެވެ.
އާދިއްތަ ދުވަހުގެރޭ ކުޅުނު މި މެޗުން ރެއާލް މޮޅުނުވި ނަމަ، ބާސެލޯނާއަށް މި ހަފުތާ ބަންދުގައި ލީގު ތަށި ކަށަވަރުވީހެވެ. ނަމަވެސް މި ނަތީޖާއާއެކު މިހާރު ތަށި ކަށަވަރު ކުރުމުގެ ފުރުސަތު ބާސެލޯނާއަށް އޮތީ އަންނަ ހަފުތާގައި އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ "އެލް ކްލަސިކޯ" މެޗުންނެވެ.
ލީގުގެ އެއްވަނައިގައި ބާސެލޯނާ އޮތީ 11 ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ލީގު ނިމެން ބާކީ އޮތީ އެންމެ ހަތަރު މެޗެވެ. އާދިއްތަ ދުވަހުގެ މެޗުގެ ފުރަތަމަ ހާފުގައި އެސްޕަންޔޯލުން ވަރުގަދަ ކުޅުމެއް ދެއްކި ނަމަވެސް، ވިނީޝިއަސް ވަނީ 55 ވަނަ މިނެޓުގައި މެޑްރިޑަށް ކުރި ހޯދައިދީފައެވެ. އަދި އޭގެ 11 މިނެޓު ފަހުން، ޖޫޑް ބެލިންހަމް ދިން ރީތި ބޯޅައަކުން އޭނާ ވަނީ ދެވަނަ ލަނޑު ޖަހައި މެޗުގެ ނަތީޖާ ކަށަވަރުކޮށްދީފައެވެ.
މެޗަށްފަހު ރެއާލްގެ ކޯޗު އަލްވާރޯ އަރްބެލޯ ބުނީ، ކުރިއަށް އޮތީ ބޮޑު މެޗެއް ކަމަށާއި އެ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވާނެ ކަމަށެވެ. މި މެޗުގައި ރެއާލްގެ ފަހަތަށް ކުޅޭ ފަރލޭންޑް މެންޑީއަށް އަނިޔާވެގެން ބާލަން ޖެހުމަކީ އެ ޓީމަށް ކުރިމަތިވި ކަންބޮޑުވުމެކެވެ. ރެއާލް އަތުން ބަލިވި އެސްޕަންޔޯލް މިހާރު އޮތީ ތާވަލުގެ 13 ވަނައިގައެވެ.
ލީގުގެ އެހެން މެޗުތަކަށް ބަލާއިރު، ރަޔޯ ވަޔެކާނޯ ވަނީ ގެޓާފޭ އަތުން 2-0 އިން މޮޅުވެފައެވެ. ސެލްޓާ ވިގޯ އިން އެލްޗޭ އަތުން 3-1 އިން މޮޅުވިއިރު، ރެއާލް ބެޓިސް ވަނީ އޮވިއޭޑޯ އަތުން 3-0 އިން މޮޅުވެ ތާވަލުގެ ފަސްވަނައަށް ޖެހިލާފައެވެ.




