މި އަހަރުގެ ޖޫން މަހުން ފެށިގެން ސެޕްޓެންބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ފިނިހޫނުމިން އާދަޔާ ޚިލާފަށް މަތިވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފިއެވެ.
މެޓް އޮފީހުން މިއަދު ބުނީ 2026 ޖޫން އިން ސެޕްޓެންބަރުގެ ނިޔަލަށް ލަފާކުރެވޭ ގޮތުގައި ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ވާރޭވެހޭ މިންވަރު، އާންމުކޮށް އެ ދުވަސްވަރު ވެހޭ ވަރަށްވުރެ އިތުރުވުމުގެ ފުރުޞަތު ބޮޑު ކަމަށެވެ. އަދި ހުރިހާ ސަރަހައްދެއްގައިވެސް ފިނިހޫނުމިން އާންމުކޮށް ހުންނަ ވަރަށްވުރެ މަތިވާނެ ކަމަށްވެސް ބެލެވޭ ކަމަށް އެ އިދާރާއިން ބުނެއެވެ.
މެޓް އޮފީހުން ބުނީ މި ފޯކާސްޓް އާންމު ގޮތެއްގައި ތައްޔާރު ކުރަނީ އެޕްރީލް މަހު ހުންނަ މޫސުމީ ހާލަތަށާއި، މޫސުމަށް ބަދަލު އައުމަށް މެދުވެރިވާ ސަބަބުތަކަށް ރިޢާޔަތް ކުރެވިގެން ކަމަށެވެ.
އަދި މިއީ ޖުމުލަކޮށް ކުރިއަށް އޮތް ހަތަރު މަހު ވާރޭވެހޭނެ ގޮތަށާއި، ފިނިހޫނުމިން ހުންނާނެ ކަމަށް ބެލެވިފައިވާ ގޮތް ކަމަށާއި، މަހުން މަހަށް އަންނަ ބަދަލުތައް ވަކި މަސްތަކަށް ލަފާކުރެވޭ މޫސުމާއެކު އަދާހަމަކުރެވިގެންދާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.



