އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުން އިގްރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދާނޭ ގޮތުގެ އުސޫލް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އާއްމުކޮށްފިއެވެ.
އިންތިހާބުވި ކައުންސިލަރުން ހުވާކުރުމާއި ޑަބްލިއުޑީސީގެ މެމްބަރުން އިގްރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ތާވަލްކޮށްފައިވަނީ، މިމަހުގެ 17 ވަނަ ދުވަހުއެވެ. އެލްޖީއޭއިން އާއްމުކޮށްފައިވާ އުސޫލަށް ބަލާއިރު، މި ރަސްމިއްޔާތުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެވޭނެހެން އިންތިޒާމްތައް ހަމަޖައްސަން ޖެހެއެވެ. އެގޮތުން މިހިނގާ މެއިމަހުގެ 10 ވަނަ ދުވަހުން ފެށިގެން އެކަން އާއްމުކޮށް އިއުލާނުކުރަން ޖެހޭއިރު، ދައުލަތުގެ އިދާރާތަކުގައި މަސައްކަތްކުރާ މުއައްޒަފުންނަށް ދައުވަތުދޭން ޖެހެއެވެ.
ރަށެއްގައި ފަނޑިޔާރަކު ނެތް ހާލަތެއްގައިވެސް ހުވާކުރުމުގެ ރަސްމިއްޔާތު ކުރިއަށްގެންދަން ޖެހޭގޮތް މި އުސޫލުގައި ވަނީ ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައެވެ. އެގޮތުން އެރަށެއްގައި ފަނޑިޔާރަކު ނެތްނަމަ، ނުވަތަ ފަނޑިޔާރަކު ގެނެވެނަ ނެތްނަމަ، ވީޑިއޯ ކޮންފަރެންސެއް މެދުވެރިކޮށް ހުވާކުރުމުގެ ރަސްމިއްޔާތު ކުރިއަށްގެންދެވޭނޭ ގޮތަށް ވަނީ ފަހިކޮށްދީފައެވެ. އެގޮތުން އޮންލައިނުކޮށް ހުވާކުރުމުގެ ރަސްމިއްޔާތު ކުރިއަށްގެންދާނަމަ، އެއްދުވަސް ކުރިން ފަނޑިޔާރަށް އެކަން އެންގުމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވާ ހުރިހާ ކައުންސިލަރުން ތިބެންޖެހޭނީ ރަސްމީކޮށް ކޯޓު ފަޓުލޫން ނުވަތަ ކަނޑައެޅިފައިވާ ޤައުމީ ހެދުމެއްގައެވެ.
ހުވާކުރުމުގެ ރަސްމިއްޔާތުގެ ފޮޓޯ އާއި ވީޑިއޯ މީޑިއާތަކާ ހިއްސާކުރަން ޖެހޭއިރު، މަގޭ ކައުންސިލް ޕޯޓަލަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ މެމްބަރުންގެ މައުލޫމާތުތައް ތިން ގަޑިއިރުގެ ތެރޭގައި އަދާހަމަކުރަންޖެހޭކަމަށް ވަނީ ބަޔާންކޮށްފައެވެ.




