ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކޮށް، އިކޯ-ޓޫރިޒަމް ފުޅާކުރުމަށް ސަރުކާރުން ހިފާފައިވާ އަމާޒުގެ ދަށުން، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބެހިފައިވާ 10 ރަށެއްގައި "ނޭޗާ ޕާކު" ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން ފަށައިފިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ނޭޗާ ޕާކު ޤާއިމުކުރުމަށް ކުރިއަށްގެންދާ ފުޅާ މަޝްރޫއުގެ ފުރަތަމަ ފިޔަވައްސެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި މަޝްރޫއަށް ހޮވުނު 10 ރަށުގެ ކޮންސެޕްޓާއި މަސައްކަތުގެ ދާއިރާ މިހާރު ވަނީ ކައުންސިލްތަކާ މަޝްވަރާކޮށް ނިމިފައެވެ. މިހާރު ކުރިއަށްދަނީ މަސައްކަތް ފެށުމަށް ބޭނުންވާ ގްރާންޓް އެގްރީމަންޓްތަކުގައި ސޮއިކުރުމުގެ އެންމެ ފަހުގެ ތައްޔާރީތަކެވެ.
މި މަޝްރޫއުގެ ދަށުން ނޭޗަރ ޕާކު ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ރަށްތަކަކީ:
-
އުތުރުން: ހއ. މޮޅަދޫ، ހދ. ކުމުންދޫ، ނ. ލަންދޫ
-
މެދުތެރެއިން: ކ. ހުރާ، އދ. އޮމަދޫ، މ. ކޮޅުފުށި، ތ. ކިނބިދޫ
-
ދެކުނުން: ލ. ގަން، ގއ. ކޮނޑޭ، ގދ. ފިޔޮރީ
މި މަޝްރޫއަކީ ހަމައެކަނި ތިމާވެށި ހިމާޔަތްކުރުމެއް ނޫނެވެ. މިއީ ރަށްރަށުގެ އިޤްތިޞާދީ ދިރުމާ ގުޅިފައިވާ ކަމެކެވެ. އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި މިހާރުވެސް ހިންގަމުންދާ ނޭޗާ ޕާކުތަކަކީ އޭގެ ނަތީޖާ ފެންނަން އޮތް ނަމޫނާތަކެކެވެ. އެ ސަރަހައްދުތަކުގައި ފަތުރުވެރިކަން ފުޅާވެ، އާންމު ރައްޔިތުންނަށް އާމްދަނީ ލިބޭނެ އާ ފުރުސަތުތަކެއް ވަނީ ހުޅުވިފައެވެ.
ސަރުކާރުގެ އަމާޒަކީ މި ޕާކުތަކުގެ ސަބަބުން ރާއްޖޭގެ ގުދުރަތީ ރީތިކަން ދެމެހެއްޓެނިވި ގޮތެއްގައި އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމާއެކު، "ބްލޫ އިކޮނޮމީ" ނުވަތަ ނޫ އިޤްތިސާދެއް ބިނާކުރުމެވެ.
2024 ވަނަ އަހަރު މި މަޝްރޫއަށް ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ ރަށްތަކަކުން ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ. މިހާރު ހޮވުނު 10 ރަށަކީ ޓެކްނިކަލް އިވެލުއޭޝަނުން އެންމެ މަތީ މާކްސް ހޯދި ރަށްތަކެވެ.




