ހަށިގަނޑާއި ލައިގެން ހުރި ފޭރާމުގެ ދޭތެރޭގައި ޕެޑް ބޭނުންކޮށްގެން، އޭގެ ތެރޭގައި 30 ޕެކެޓް މަސްތުވާތަކެތި ފޮރުވައިގެން ރާއްޖެ އެތެރެކުރި ދިވެހި އަންހެނަކު ކަސްޓަމްސް އާއި ފުލުހުން ގުޅިގެން ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު ބަންދު އަމުރުގައިވާ ގޮތުން، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މއ. މޯނިން ވިއު، އުމުރުން 32 އަހަރުގެ އާމިނަތު ޝަފަގެވެ. އޭނާ ރާއްޖެއަށް އެތެރެވި ވަގުތު އަމަލުތައް ހުރި ގޮތުން ޝައްކުވެގެން އެކްސްރޭ ކުރުމުން، ކުރިމަތިފަރާތުގައި އެއްޗެއް ފޮރުވާފައި ހުރިކަން ވަނީ ފާހަގަވެފައެވެ.
ޕެޑް ތެރެއިން 31 ގްރާމްގެ ކޮކެއިން
ފުލުހުން ކޯޓުގައި ބުނި ގޮތުގައި، ސުވާލުކުރުމުން އެއީ "ކޮކެއިން" ކަމަށް އާމިނަތު އަމިއްލައަށް ވަނީ އިއުތިރާފުވެފައެވެ. އޭނާ ވަނީ ޖީންސާއި ހަށިގަނޑާ ދޭތެރޭގައި ޖަހާފައި އޮތް ދެ ޕެޑް ނަގައި ފުލުހުންނާ ހަވާލުކޮށްފައެވެ. އެ ތަކެތި ފާސްކުރިއިރު، ދެ ޕެޑްގެ ދޭތެރޭގައި މަސްތުވާތަކެތި ހުރި 30 ޕެކެޓް އޮތެވެ. އެ ތަކެތީގެ ބަރުދަނުގައި ޖުމްލަ 31 ގްރާމް ހުއްޓެވެ.
ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަން
މި ތަކެއްޗަކީ ރާއްޖޭގައި ހުރި އެހެން މީހަކަށް ރައްދުކުރުމަށް ގެނައި ތަކެތި ކަމަށް ބެލެވޭތީ، ފުލުހުން ވަނީ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ވެސް ކުރިއަށް ގެންގޮސްފައެވެ. މި މައްސަލައިގައި އާމިނަތު 30 ދުވަހަށް ބަންދުކުރުމަށް ގާޒީ ސަފްއަތު ހަބީބު ވަނީ އަމުރުކުރައްވާފައެވެ.
އާމިނަތުގެ ވަކީލް ކޯޓުގައި ބުނި ގޮތުގައި އޭނާއަކީ ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހެކެވެ. އެހެންކަމުން، ބަންދުގައި ހުންނައިރު އޭނާގެ ހާލަތު ގާތުން ބެލުމަށް ކޯޓު އަމުރުގައި ފުލުހުންގެ މައްޗަށް ވަނީ ލާޒިމްކޮށްފައެވެ.




