ދިވެހިރާއްޖޭގައި އެކި ދާއިރާތަކުގައި ޚިދުމަތްކުރާ ދޭސީ އަދި ބިދޭސީ މަސައްކަތްތެރީންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމާއެކު، މަސައްކަތްތެރިކަން ކުރިއެރުވުމުގައި ސަރުކާރުން ގެންގުޅެނީ ވަށައިޖެހޭ، ޢަދުލުވެރި ސިޔާސަތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަގުވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި މިއަދު ފޮނުއްވި ހިތާބުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ސްކޫލް ދަރިވަރުންނަށް މަސައްކަތް ދަސްކޮށްދިނުމަށް ޚާއްޞަ ސަމާލުކަމެއްދީ، ރާއްޖޭގެ ފުރަތަމަ ވޮކޭޝަނަލް ހައިސްކޫލް ޤާއިމުކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ޤައުމަށް މުހިންމު އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް ފައްޓަވައި، އެކި ބާވަތުގެ ފަންނާއި ހުނަރު ކުރިއެރުވުމަށް ސަރުކާރުން ހިލޭ އެހީ އާއި ލުއިލޯނު ދިނުން އިތުރުކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ދިވެހި އުފެއްދުންތަކަށް ދުނިޔޭގެ ބާޒާރުން ޖާގަ ހޯދައިދިނުމަށް ބޮޑެތި އީ-ކޮމަރސް މަންސަތަކާއެކު ފެއްޓެވި މަސައްކަތުގެ ނަތީޖާ ފެންނަން ފަށާފައިވާކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ޤާނޫނަށް ފައްތައި ބެލެހެއްޓުމުގައި މިދިޔަ އެއްވެސް ސަރުކާރަކުން ނާޅާ ފަދަ ހަރުދަނާ ފިޔަވަޅުތައް މި ސަރުކާރުން އަޅާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު، ދިވެހީންނަށް ނޫނީ ރާއްޖޭގައި ނުކުރެވޭނެ މަސައްކަތްތަކާއި އަދާ ނުކުރެވޭނެ ވަޒީފާތައް ކަނޑައަޅައި، އެކަން ތަންފީޒުކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރައްވަމުންދާކަން ފާހަގަކުރައްވަމުން، ރައީސް ވިދާޅުވީ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، ޢުމުރުން 65 އަހަރުވުމަށް ފަހުވެސް ވަޒީފާއަދާކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ. އަދި މި ސަރުކާރަކީ އެންމެ ގިނަ މަސައްކަތްތެރީންނާ ސީދާ ބައްދަލުކޮށް، އެފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއަހައި، ގިނަ އަހަރުތަކެއް ވަންދެން ހައްލުނުވެ ހުރި މައްސަލަތަކަށް ހައްލު ހޯދައިދީފައިވާ ސަރުކާރެއްކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.
ކާބަފައިންގެ މަސައްކަތްތެރިކަމުގެ ނަމޫނާތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އުފެއްދުންތެރި އަދި ވަރުގަދަ އިޤްތިޞާދެއްގެ ވެރި ބައެއްގެ ގޮތުގައި ދިވެހީން ދެމިތިބުމަކީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކުރުމަށް މުހިންމު ކަމެއް ކަމަށެވެ. ޚިޠާބު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މަސައްކަތެއް ކުރެވޭނެ ކެރިކުޅަދާނަކަން ހުރި ކޮންމެ ދިވެހި ރައްޔިތަކު ޢަމަލީ މައިދާނަށް ނިކުތުމަށާއި، ސަރުކާރުން ފަހިކޮށްދޭ ފުރުޞަތުތަކުގެ ބޭނުން ހިފުމަށް އިލްތިމާސްކުރައްވާފައެވެ.




