މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ މެނޭޖިން ޑިރެކްޓަރު ކަމާއި ސީއީއޯގެ މަގާމަށް، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި މުޙައްމަދު އަނަސް މިއަދު ވަނީ އައްޔަންކުރައްވާފައެވެ.
ޕީސީބީން ހާމަކުރި ގޮތުގައި، މިއަދުން ފެށިގެން މިފްކޯ ހިންގެވުމުގެ އެންމެ އިސް ޒިންމާތަކާ އަނަސް ވަނީ ހަވާލުވެވަޑައިގެންފައެވެ. މި އާ މަގާމަށް ވަޑައިގަތުމުގެ ކުރިން އޭނާ އަދާކުރައްވަމުން ގެންދެވީ ސަރުކާރު ކުންފުނިތަކުގެ ބެލެނިވެރި މުއައްސަސާ ކަމަށްވާ ޕީސީބީގެ ރައީސްކަމެވެ.
ޕީސީބީގެ ރައީސްގެ ހައިސިއްޔަތުން އަނަސް ވަނީ ދައުލަތުގެ ކުންފުނިތައް ހިންގާ ގޮތް ސުޕަވައިޒްކޮށް، މޮނިޓަރ ކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ. އޭނާއަކީ ދައުލަތުގެ ފައިސާ ބެލެހެއްޓުމާއި، ދަރަނި މެނޭޖުކުރުމުގެ އުސޫލުތައް އެކުލަވައިލުމުގެ އިތުރުން، އިދާރާތަކުގެ ހިންގުން ހަރުދަނާކުރުމުގެ ދާއިރާއިން ފުންނާބު އުސް، ފަންނީ ތަޖުރިބާކާރެއް ކަމަށް އެ ބޯޑުން ފާހަގަކުރެއެވެ.
މީގެ ކުރިންވެސް ސަރުކާރުގެ ނުފޫޒުގަދަ މަގާމުތަކެއް އަނަސް ވަނީ ފުރުއްވާފައެވެ. އެގޮތުން ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނަވައި، އެ ވުޒާރާގެ ޑެބްޓް މެނޭޖްމަންޓް ޑިޕާޓްމަންޓް ހިންގަވައި، ރާއްޖޭގެ ދަރަނި ބެލެހެއްޓުމުގެ ސިޔާސަތުތަކާއި ނުރައްކާތަކުން ރައްކާތެރިވުމުގެ އޮނިގަނޑުތައް އެކުލަވައިލުމުގައި އިސް ދައުރެއް އަދާކުރެއްވިއެވެ.
މީގެ އިތުރުން، ދައުލަތުގެ ދަރަނި މެނޭޖުކުރުމުގެ ސްޓްރެޓެޖީތައް އެކުލަވައިލުމާއި، ދަރަންޏާ ގުޅޭ ރިޕޯޓުތައް ތައްޔާރުކުރުމުގެ އިތުރުން، ރާއްޖެއިން ސޮވެރިން ބޮންޑު ވިއްކުމުގެ މަސައްކަތްތަކުގައިވެސް އޭނާ ވަނީ އަމަލީގޮތުން އިސްކޮށް ބައިވެރިވެވަޑައިގެންފައެވެ.
މިފްކޯގެ ހިންގުން އިތުރަށް ހަރުދަނާކޮށް، މަސްވެރިންނަށް ކުރިމަތިވެފައިވާ އެކި ކަހަލަ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެމުންދާ މި ދަނޑިވަޅުގައި، އެ ކުންފުންޏަށް އާ އެމްޑީއަކު މިވަނީ އައްޔަންކުރެވިފައެވެ.




