"އަދަދު" ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލަ ފުލުހުން ތަހުގީގު ކުރަނީ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މި މަހުގެ 19 ވަނަ ދުވަހު އަންގާފައިވާތީ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެ އެވެ.
މުންދު ވިދާޅުވީ މި ތަހުގީގަކީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ އިރުޝާދުގެ ދަށުން ހިނގަމުންދާ ކަމެއް ކަމަށެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، ރާއްޖޭގެ ގާނޫނީ ނިޒާމުގެ ތެރެއިން ކަންކަން ތަހުގީގު ކުރުމުގެ ބާރު ލިބިގެންވަނީ ފުލުހުންނާއި އޭސީސީ ފަދަ މުއައްސަސާތަކަށް ކަމަށެވެ. އަދި ތަހުގީގެއް ހިންގުމަށް އަމުރުކުރުމުގެ ގާނޫނީ ބާރު އޮންނަނީ ޕީޖީ އޮފީހަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މި މައްސަލައަކީ ސަރުކާރުގެ ނުފޫޒެއް އޮވެގެން ހިނގާ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މުންދު އިތުރަށް ވިދާޅުވީ، ޕީޖީ އޮފީހުން ފުލުހުންނަށް މި މައްސަލަ ހުށަހެޅުމާއި، ބްރޯޑްކާސްޓިން ކޮމިޝަނުން އެ ކޮންޓެންޓް ބަލަން ފެށީވެސް މިދިޔަ ހޯމަ ދުވަހު ރައީސް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގެ ކުރިން ކަމަށެވެ. އެހެންކަމުން، މިއީ އެ ބައްދަލުވުމުގައި ކުރެވުނު ސުވާލުތަކާ ގުޅިގެން ފެށުނު ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"އައިޝާ" ނަމުގައި އަދަދު އޮންލައިނުން ތައްޔާރުކުރި ޑޮކިއުމެންޓްރީގައި ރައީސް މުއިއްޒަށް ގަޒްފުގެ ތުހުމަތު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލައިގެ ތަހުގީގަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ފުލުހުން ވަނީ އެ ނޫހުގެ އޮފީހަށް ވަދެ ބައެއް ތަކެތި ގެންގޮސްފައެވެ. އަދި ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދު ފުލުހަށް ހާޒިރުކޮށް ބަޔާން ނަގާފައިވާއިރު، މި އަމަލާ ގުޅިގެން ނޫސްވެރިންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.




