ސްރީ ލަންކާގެ ބަނދަރުގައި ތާށިވެފައި ހުރި 2،500 އަށް ވުރެ ގިނަ ކޮންޓެއިނަރުގެ މުދާ ކުރިއަށް އޮތް ހަފުތާ ތެރޭގައި ރާއްޖެ ގެންނާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހާމަކުރައްވައިފިއެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދިމާވެދާނެ ގޮންޖެހުންތަކަށް ތައްޔާރުވުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، މި މުދާތައް ރާއްޖެއަށް ގެނައުމަށް ތިން އުޅަނދެއް ހަރަކާތްތެރިވާނެ ކަމަށެވެ. އެމްޕީއެލްއާ ހަވާލާދީ އޭނާ ވިދާޅުވީ މި މުދާ ލިބުމުން ބާޒާރުގައި މުދާ ލިބުން ލަސްވުމަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.
މިނިސްޓަރު ސައީދު ފާހަގަކުރެއްވި ގޮތުގައި، ލަންކާ ބަނދަރުގައި މުދާ ޖަމާވަނީ ބައިނަލްއަގުވާމީ ދަތުރުފަތުރުގެ ނިޒާމަށް އަންނަ ބަދަލުތަކުގެ ސަބަބުންނެވެ. އަދި މިގޮތަށް ދިމާވާ ތާށިކަން ހައްލުކޮށް، ބަނދަރުން މުދާ ނެރުން އަވަސްކުރުމަށް އެމްޕީއެލް އިން އާ މަސައްކަތްތަކެއް ފަށާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިހާރު ދިމާވެފައިވާ މައްސަލައަކީ އެކި ސަބަބުތަކާ ހުރެ އުފެދިފައިވާ މުދާ ތާށިވުމެއްގެ މައްސަލައެއް ކަމަށް މިނިސްޓަރު ސިފަކުރެއްވިއެވެ.
މާލޭ ވިޔަފާރި ބަނދަރަށް ބޮޑެތި ބޯޓުފަހަރު ކައިރި ނުކުރެވޭތީ، ރާއްޖެއަށް ގެންނަ މުދާ ޖެހެނީ ލަންކާގައި ބޭލުމަށްފަހު ކުދި ބޯޓުތަކުގައި އަލުން ރާއްޖެއަށް އުފުލާށެވެ. މިކަމުގެ ސަބަބުން ރާއްޖެއަށް މުދާ ލިބުން ބަރޯސާވެފައި އޮންނަނީ ލަންކާ ބަނދަރުގެ ހިންގުމަށެވެ. މި ދާއިމީ މައްސަލަ ހައްލުކުރުމަށްޓަކައި ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ. އެގޮތުން މިކަމާ ގުޅޭ ސާވޭތައް ކުރުމަށް ޗައިނާގެ ސީއެޗްއީސީ ކުންފުންޏާ މިހާރު ވަނީ ހަވާލުކޮށްފައެވެ.




