ރާއްޖޭގައި ގިނަ ދުވަސްތަކަކަށް ތެޔޮ ރައްކާކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި މާލެ ސަރަހައްދުން ދެ ފަޅެއް ބަލަމުންދާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު ހާމަކުރައްވައިފިއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އުފައްދާފައިވާ ކްރައިސިސް ކޮމިޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، މި ރިޒާވް ގާއިމްކުރުމުގެ މަސައްކަތް މާލީ ވުޒާރާއާއި އިގްތިސާދީ ވުޒާރާ އަދި އެސްޓީއޯ ގުޅިގެން ކުރިއަށްގެންދާ ކަމަށެވެ.
ދުނިޔޭގެ މަސްރަހުގައި، ހާއްސަކޮށް މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ތެލުގެ އަގަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާއިރު، ތެޔޮ ލިބުމަށް ދަތިވެ އަގުތައް އުފުލެމުންދެއެވެ. އެހެންކަމުން، މިފަދަ ކުއްލި ހާލަތްތަކަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގައި ތެލުގެ ރިޒާވެއް އުފެއްދުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވާހަކަދައްކަވަމުން ވަޒީރު ޒަމީރު ވިދާޅުވީ، ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ރިޒާވް ގާއިމްކުރާނެ ތަންތަން ކަނޑައެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
މިގޮތުން މާލެ ސަރަހައްދުން ބަލަމުންދާ ދެ ފަޅުގެ ސާވޭތައް އަންނަ ހަފުތާގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޑިޒައިން ކުރުމާއި، ފައިސާ ހޯދާނެ ގޮތްތަކާއި، ފީސިބިލިޓީ ހިމެނޭ ފައިނަލް ޕްލޭނެއް ތައްޔާރުކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާނެ ކަމަށާއި، މަސައްކަތް ކުރިއަށްދާނީ ރައީސް ނިންމަވާ ގޮތެއްގެ މަތިން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ތެލުގެ ރިޒާވެއް ހުރުމަކީ މުހިންމު ކަމެއް ކަމަށާއި، ފައިނަލް ޕްލޭންގައި ތެޔޮ ރައްކާކުރެވޭނެ މިންވަރު ކަނޑައަޅާނެ ކަމަށެވެ. އަދި އިންޑިއާ ކަނޑަކީ ތެޔޮ ރައްކާކުރާ ކުންފުނިތައް ހަރަކާތްތެރިވާ ސަރަހައްދަކަށް ވުމާއެކު، ރާއްޖޭގެ ބޭނުމަށް ބޭނުންވާ ބައި ރައްކާކުރުމަށްފަހު ބާކީ ބައި ކުއްޔަށް ދޫކުރުމުގެ ފުރުސަތު އޮތްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެއް އަހަރު ދުވަހުގެ ތެޔޮ ރައްކާކުރެވޭ ގޮތަށް ފަރުމާކުރާ މި ރިޒާވަކީ ފަސް އަހަރުގެ ޕްލޭނެއްގެ ދަށުން ކުރިއަށްދާ މަޝްރޫއެކެވެ. ސަރުކާރުގެ އަމާޒަކީ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާލުމެވެ.
މިހާރު ރާއްޖެއަށް ބޭނުންވާ ތެޔޮ ރައްކާކުރަނީ ފުނަދޫގައެވެ. އެތަނުން އާންމު ހިދުމަތްތަކަށާއި ރިސޯޓްތަކަށް ބޭނުންވާ ޑީސަލާއި ޕެޓްރޯލް ފޯރުކޮށްދޭއިރު، އެތަނުގެ ކެޕޭސިޓީއަކީ 291,000 ފީފާ ޑީސަލާއި 59,000 ފީފާ ޕެޓްރޯލެވެ. މީގެ އިތުރުން ވައިގެ ދަތުރުފަތުރަށް ބޭނުންވާ ޖެޓް ފިއުލް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަނީ އެސްޓީއޯއިންނެވެ.




