އޮންލައިން ނޫސް "އަދަދު" އިން އާންމުކުރި "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ޖިނާއީ ތަހުގީގަށް، އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު މިއަދު ހެނދުނު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފިއެވެ.
ހަސަން މުހައްމަދު ފުލުސް އޮފީހަށް ހާޒިރުވެފައިވަނީ އޭނާގެ ގާނޫނީ ވަކީލަކާއެކު މިއަދު ހެނދުނު 08:30 ގައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ފޮނުވި ހާޒިރުވުމުގެ އަމުރުގައި ބަޔާންކޮށްފައިވަނީ، 2026 މާރިޗު 28 ވަނަ ދުވަހު "އަދަދު" ނޫހުގައި ޝާއިޢުކުރި "އައިޝާ" ނަމަކަށް ކިޔާ ވީޑިއޯ ރިޕޯޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ގަޛުފުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި އެ މައްސަލައިގައި ހަސަންގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭތީ، އެކަމާ ގުޅޭގޮތުން ސުވާލުކުރުމަށް ބޭނުންވާ ކަމަށްވެސް އެ ޗިޓުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، މި މައްސަލައިގެ ތަހުގީގަށް އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ ވެސް މިއަދު މެންދުރުފަހު 02:30 އަށް ފުލުހަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.
ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަކަށް ރިޢާޔަތްކޮށް، ކްރިމިނަލް ކޯޓުން މިހާރު ވަނީ ފިޔާޒާއި ހަސަންގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ނެރެފައެވެ. މި މައްސަލައިގެ ތަހުގީގަށް ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކު ވެސް ފުލުހަށް ހާޒިރުވުމަށް އަންގާފައިވާ ކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ.
ފުލުހުން މި މައްސަލައިގެ ޖިނާއީ ތަހުގީގެއް ފަށާފައިވަނީ "އައިޝާ" ޑޮކިއުމެންޓްރީ ޝާއިޢުކުރިތާ ގާތްގަނޑަކަށް މަސްދުވަސް ފަހުންނެވެ.




