އައްޑޫ ހުޅުމީދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ، ސ. ހުޅުމީދޫ ހެލްތު ސެންޓަރަށް ގެންދިޔަ މީހަކަށް ބޮޑު އަނިޔާއެއް ވެފައިވާ މައްސަލައެއް 13:50 ހާއިރު އެ މަރުކަޒުން ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން، އެ މީހާއަށް އަނިޔާވީ ޑުރަގުގެ މުއާމަލާތަކާ ގުޅިގެން އުފެދުނު ދެބަސްވުމެއްގައި ހިނގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ކަމަށެވެ.
މި މާރާމާރީގައި އަނިޔާވި އުމުރުން 39 އަހަރުގެ ދިވެހި ފިރިހެން މީހާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި މިހާރު އަންނަނީ ފަރުވާދެމުންނެވެ.
މި މައްސަލަ އާއި ގުޅިގެން 44 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ.




