"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓް ލިބުނު ބައެއް މީހުންގެ އެއްބަސްވުމުގައި ސޮއިކުރުން މަޑުޖައްސާލީ އެއްވެސް ސިޔާސީ ވިސްނުމެއްގައި ނޫން ކަމަށާއި، އެއީ ހައްގުވެރިންގެ ހައްގުތައް ކަށަވަރުކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ބިނާރާއި ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު ފާހަގަކުރެއްވި މުހިންމު ނުކުތާތައް:
-
އާ ލިސްޓެއް ނެތް: މި ސަރުކާރުން 4,000 ފްލެޓަށް އާ ލިސްޓެއް އެކުލަވާލާފައި ނުވާނެ ކަމަށާއި، ފްލެޓް ދޫކުރަމުން ދަނީ 15 ނޮވެމްބަރު 2023 ގައި ކުރީ ސަރުކާރުން އާންމުކުރި ފައިނަލް ލިސްޓަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
-
ނާއިންސާފު މާކްސް: ކުރީ ސަރުކާރުން 76 ޕޮއިންޓް ލިބުނު 325 މީހަކަށް ފްލެޓް ކަނޑަނާޅައި، 75 ޕޮއިންޓް ލިބުނު 315 މީހަކަށް ފްލެޓް ދީފައިވާކަން ފާހަގަކުރެވުނު ކަމަށް ވަޒީރު ވިދާޅުވިއެވެ.
-
ސޮއިކުރުން މަޑުޖައްސާލުން: ލިސްޓުގައި ހުރި މިފަދަ މައްސަލަތައް ދެނެގަނެވުނީ ފަހި ދިރިއުޅުން ކޯޕަރޭޝަން އަށް ލިސްޓު ފޮނުވި ފަހުން ކަމަށްވާތީ، ބައެއް މީހުންނާއެކު ސޮއިކުރުން މަޑުޖައްސާލަން އެންގީ ކަމަށް ބަޔާންކުރެއްވިއެވެ.
"ލިސްޓުން ބައެއް މީހުންނާއެކު ސޮއިކުރުން މަޑުޖައްސަން އެންގީ ސިޔާސީ ކަމެއްގައެއް ނޫން. ބަޔަކު އުނިކުރާކަށްވެސް ނޫން. އެއީ ބައެއްގެ ހައްގުތައް ހިމާޔަތްކުރަން ކުރި ކަމެއް." – ވަޒީރު މުއްތަލިބް
ޝަރުތު ހަމަވާ އެންމެނަށް ފްލެޓް ލިބޭނެ
ވަޒީރު ވިދާޅުވީ ފްލެޓް ދިނުން ހުއްޓާލާފައިވަނީ ހަމައެކަނި ޝަރުތު ހަމަނުވާކަން ލިޔެކިޔުމުން ކަށަވަރުވާ މީހުންނަށް އެކަނި ކަމަށެވެ. އަދި ޝަރުތު ހަމަނުވާކަން ސާބިތު ނުކުރެވޭ ނަމަ، އެ މީހަކާއެކު ސޮއިކޮށް ފްލެޓް ހަވާލުކުރާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
މީގެ އިތުރުން، ކުރީ ސަރުކާރުން އެއްބަސްވުންތަކުގައި ސޮއިކުރަން ފެށީ ވެރިކަން ބަދަލުވާން އެންމެ ދެ ދުވަހަށް ވެފައި ވަނިކޮށް، އަމަލީ މަސައްކަތުގެ އެންމެ %30 ނިމިފައި ވަނިކޮށްކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އާ ލިސްޓެއް ނުނެރުމަށް ނިންމީ ފްލެޓްތައް ނިމޭއިރުވެސް މީހުންނަށް ނުވަދެވި ލަސްވުމުގެ ކަންބޮޑުވުން އޮތުމުން ކަމަށް ވެސް ވިދާޅުވިއެވެ.



