ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޒިނޭގެ ތުހުމަތުވާ ގޮތަށް 'އައިޝާ" ގެ ނަމުގައި އަދަދު ނޫހުން ގެނެސްދިން ޑޮކިއުމަންޓަރީއާ ގުޅިގެން އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓް ވެސް ހިފަހައްޓައިފި އެވެ.
އަދަދު ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން ރޭ ވަނީ ކޯޓު އަމުރަކާ އެކު އެ ނޫހުގެ އޮފީހަށް ވަދެފައެވެ. އަދަދު ނޫހުގެ އޮފީހަށް ވަދެ، ފުލުހުން ވަނީ އެ އޮފީހުގައި ހުރި އިލެކްޓްރޯނިކް ސާމާނުތައް ރޭ ދަންވަރު ގެންގޮސްފައެވެ.
އެ ޑޮކިއުމެންޓްރީގެ މައްސަލައިގައި އަދަދު ނޫހުގެ ސީއީއޯ އަދި ޗީފް އެޑިޓަރު ޙުސައިން ފިޔާޒް މޫސާގެ ޕާސްޕޯޓު ވަނީ ތިން މަސް ދުވަހުގެ ނިޔަލަށް ހިފަހައްޓާފައެވެ. ކޯޓު އަމުރުގައިވާ ގޮތުން، ފިޔާޒްގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ ޖިނާއީ މައްސަލައެއްގެ ތަހުގީގަށް އޭނާ ރާއްޖޭގައި ހުރުން މުހިންމު ކަމަށް ފުލުހުންނަށް ފެންނާތީއެވެ.
އަދަދުގެ އެޑިޓަރު ހަސަން މުހައްމަދު ފުރުން މަނާކޮށް ކޯޓުން ނެރުނު އަމުރުގައި އޭނާގެ ބައިވެރިވުން ޑޮކިއުމަންޓަރީ ނެރުމުގައި އޮތް ކަމަށް ތުހުމަތުކޮށްފައިވެ އެވެ. އަދި އޭނަގެ ޕާސްޕޯޓް ހިފަހެއްޓީ ރާއްޖޭން ފުރައިގެން ފިލަން އުޅޭ ކަމަށް ފުލުހުންނަށް އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށް ކޯޓު އަމުރުގައިވެ އެވެ.



