ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސައިކަލެއްގެ ވެރިފަރާތް ހޯދަން ފަށައިފި އެވެ.
ފުލުހުން ހިއްސާކުރި ފޮޓޯގައިވާ ސައިކަލަކީ 2025 ޖުލައި 13 ވަނަ ދުވަހު މާލޭގެ ކޯރުކެނޑިމަގާއި ބުރުޒުމަގު ގުޅުނު ކަންމަތިން ފުލުހުން ހުއްޓުވި ސައިކަލެކެވެ. މި ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، އިންޖީނު ނަންބަރު ނުފެންނާނެހެން ކަހާލާފައިހުރުމުގެ ސަބަބުންނެވެ.
މި މައްސަލައާ ގުޅިގެން އިތުރަށް ބެލި ބެލުމުން، އެ ސައިކަލުގައި ބޭނުންކޮށްފައިވާ ރަޖިސްޓްރީ ނަންބަރަކީ އެ އުޅަނދުގެ އަސްލު ނަންބަރު ނޫންކަން ވަނީ ކަށަވަރު ކުރެވިފައެވެ. މީގެ އިތުރުން، ސައިކަލުގެ ޗެސިސް ނަންބަރު ޗެކްކުރިއިރު، އެ ނަންބަރަކީވެސް ރަޖިސްޓްރީކޮށްފައިވާ އެއްވެސް އުޅަނދެއްގެ ނަންބަރަކާ ދިމާވާ ނަންބަރެއް ނޫންކަން ވަނީ ފާހަގަކުރެވިފައެވެ. އަދި މިހާތަނަށް ކުރެވުނު މަސައްކަތުން މި ސައިކަލުގެ ވެރިފަރާތް ދެނެގަނެވިފައެއް ނުވާކަމަށް ފުލުހުން ބުނެއެވެ.
އެހެންކަމުން، ފޮޓޯއިން ފެންނަ ސައިކަލުގެ ވެރިފަރާތުން ނުވަތަ މި ސައިކަލާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގިލައްވާ ފަރާތެއް ވާނަމަ، ފުލުހުންގެ ޓްރެފިކް އިންވެސްޓިގޭޝަންސްގެ ނަންބަރު 9444880 އަށް ގުޅުއްވައި އެ މައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.



