ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ، އިންޑޮނޭޝިޔާގެ ވައިސް މިނިސްޓަރ އޮފް ފޮރިން އެފެއާޒް މުޙައްމަދު އަނިސް މައްޓާ، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ޑރ. ޝަހީމް ވަނީ، އިންޑޮނޭޝިއާގެ ވައިސް މިނިސްޓަރ އޮފް ފޮރިން އެފެއާޒް މުޙައްމަދު އަނިސް މައްޓާ ދިވެހިރާއްޖެއަށް ވަޑައިގަންނަވާ، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއަށް ޒިޔާރަތް ކުރެއްވީތީ ޝުކުރު އަދާކުރައްވާފައެވެ.
އަދި ދިވެހިރާއްޖެއާއި އިންޑޮނޭޝިއާ އަކީ ޒަމާންވީ އަޚުވަންތަ ދެ ޤައުމުކަން ފާހަގަކުރައްވާ، އިސްލާމީ ދާއިރާއިން ދެ ޤައުމުން ގުޅިގެން ކުރެވިދާނެ މުހިންމު ކަންކަމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވެއެވެ.
މީގެ ތެރޭގައި އިސްލާމީ ވަޤްފު ފަންޑު ތަރައްޤީ ކުރެވޭނެ ގޮތްތަކާއި، އިމާމުންނާއި ޚަޠީބުން ތަމްރީން ކުރުމަށް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.



