ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އިތުރުކޮށްފިއެވެ.
އީސީން ނިންމާފައިވަނީ ކުރިން މި މަހުގެ ބުދަ ދުވަހަށް ހަމަވާން އޮތް ސުންގަޑި، އަންނަ މަހުގެ 2 ވަނަ ދުވަހުގެ މެންދުރު 3:00 އާ ހަމައަށް ފަސްކުރުމަށެވެ. މި ދާއިރާގެ ގޮނޑި ހުސްވީ، މެންބަރު މުހައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތް މައްސަލައެއްގައި އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މި މަހުގެ 12 ގައި ކުރި ހުކުމާ ގުޅިގެންނެވެ.
މި އިންތިޚާބުގައި ވާދަކުރައްވަން ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. ފޯމު ބަލައިގަންނާނީ އީސީގެ ރަސްމީ އީމެއިލް candidacy@elections.gov.mv މެދުވެރިކޮށް ނުވަތަ ސީދާ ކޮމިޝަނުގެ އިދާރާއަށް ހާޒިރުވެގެންނެވެ.
މިހާތަނަށް މި ގޮނޑިއަށް ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ހިމެނެނީ އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އާއި، ގޮނޑި ގެއްލުނު ކުރީގެ މެންބަރު މުހައްމަދު ސިނާން އެވެ. ސިނާންގެ ގޮނޑި ގެއްލުނީ އިސްލާމިކް ބޭންކަށް ދައްކަންޖެހޭ 2.5 މިލިއަން ރުފިޔާގެ ދަރަންޏެއް ނުދައްކާ އޮތް މައްސަލައެއްގައެވެ.




