ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ދެކުނާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ލަފާކޮށްފިއެވެ.
މެޓް އޮފީހުން މައުލޫމާތު ދޭ ގޮތުގައި، ދެކުނާއި މެދު ރާއްޖެތެރެއަށް ވިއްސާރަ ކުރި ނަމަވެސް އުތުރުގެ އަތޮޅުތަކަށް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެއެވެ. އަދި ވާރޭ ވެހުނު ނަމަވެސް، ވައި ގަދަވެ ކަނޑުތައް އާދަޔާ ހިލާފަށް ގަދަވާނެ ކަމަށް ލަފާނުކުރެވޭ ކަމަށް އެ އިދާރާއިން ބުންޏެވެ.
މި ދުވަސްވަރަކީ ރާއްޖެއަށް ހުޅަނގު މޫސުން ފެށެން ކައިރިވެފައިވާ ދުވަސްވަރެކެވެ. އާންމު ގޮތެއްގައި މެއި މަހުގެ ކުރީކޮޅު ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުމުގެ އަސަރު ކުރަން ފަށައި، މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށެއެވެ.
ނިމިދިޔަ 2025 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު:
-
ދެކުނަށް: ހުޅަނގު މޫސުން ފެށުނީ މެއި 7 ގައެވެ.
-
މެދު ރާއްޖެތެރެއަށް: ފެށުނީ މެއި 12 ގައެވެ.
-
މުޅި ރާއްޖެއަށް: މޫސުން ބަދަލުވީ މެއި 26 ގައެވެ.
ހުޅަނގު މޫސުން ފެށުނު ކަމަށް ބަލާ މިންގަނޑުތަކުގެ ތެރޭގައި، މެއި މަހުގެ ފުރަތަމަ ދުވަހުގެ ފަހުން ޖެހިޖެހިގެން ދެ ދުވަހު 2.5 މިލިމީޓަރަށް ވުރެ ގިނައިން ވާރޭ ވެހުމާއި، ވައިގެ މިސްރާބު ހުޅަނގު ދެކުނަށް ބަދަލުވެ ގަޑިއަކު 10 ނޯޓިކަލް މޭލަށް ވުރެ ބާރުމިނުގައި ވައި ޖެހުން ހިމެނެއެވެ.




