ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ ދަނާލުގައި އުމުރުން 18 އަހަރުގެ ދަރިވަރަކު މަރުވި ހާދިސާގައި، އެ ކުއްޖާގެ ޒާތީ މައުލޫމާތު ހާމަކުރަން ޖެހުނީ އާންމުންނާއި ސޯޝަލް މީޑިއާގެ ބޮޑު ޕްރެޝަރެއް ކުރިމަތިވުމުން މަޖުބޫރުވެގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ނަފްސާނީ ބަލިތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކުގެ ޒާތީ ތަފްސީލުތައް ހާމަކުރުމަކީ އެމަނިކުފާނު ވެސް ތާއީދުކުރައްވާ ކަމެއް ނޫން ކަމަށެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ ހިނގި މި ހާދިސާއާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، އެ ދަރިވަރު "ހެލްޕް ލައިން" އަށް ފޮނުވި މެސެޖުތަކުގެ ތަފްސީލު ހާމަކުރައްވާފައެވެ. މިކަމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، މި މައުލޫމާތު ދޭން ޖެހުނީ އެ ވަގުތު ހަރަކާތްތެރިވި ފުލުސް އޮފިސަރުންނަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުވެ، އެ މީހުންނާއި އެ މީހުންގެ އާއިލާތަކަށް ނުރައްކާވާ ހިސާބަށް ކަންކަން ދިއުމުން ކަމަށެވެ. "އެއީކީ ރަނގަޅު ކަމެއް ނޫން. އެކަމަކު މަޖުބޫރީ ހާލަތަކަށް ދިޔައީ ކޮންމެވެސް ވަރެއްގެ މައުލޫމާތު ކޮޅެއް ދޭން،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ބައިނަލްއަގުވާމީ މިންގަނޑުތަކަށް ބަލާއިރު ވެސް މިފަދަ ނާޒުކު މައުލޫމާތު އާންމުކުރުމަކީ ހުއްދަ ކަމެއް ނޫނެވެ. ނަމަވެސް، މުޖުތަމައު ތެރޭގައި ފެތުރެމުންދިޔަ ނުބައި މައުލޫމާތުތަކާއި، ސަރުކާރުގެ މުވައްޒަފުންނަށް ކުރިމަތިވި ނުތަނަވަސްކަމުގެ ސަބަބުން ހަގީގަތް ހާމަކުރަން ޖެހުނީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިފަދަ ހާދިސާތަކުގައި ކަންކަން ސާފުނުވަނީސް ވަކި ބަޔަކު ގޯސްކޮށް ޕްރެޝަރު ކުރުމުގެ ބަދަލުގައި، އެންމެން ގުޅިގެން އަނެކާގެ ކަރާމާތަށް އިސްކަންދީގެން މަސައްކަތް ކުރުން މުހިންމު ކަމަށެވެ.




