މިއަހަރުގެ އޮގަސްޓް މަސް ނިމުމުގެ ކުރިން ދިވެހިރާއްޖޭގެ ހުރިހާ އަތޮޅަކަށް އާރުޓީއެލް ފެރީގެ ނިޒާމު ގުޅާލެވޭނެ ކަމުގެ އުންމީދު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދަތުރުފަތުރުގެ މި މުހިންމު ޚިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާ ކަމަށެވެ.
2022 ވަނަ އަހަރު ތައާރަފުކުރި މި ޚިދުމަތް މިހާރުވެސް 15 އަތޮޅެއްގެ 145 ރަށަކަށް ދަނީ ފޯރުކޮށްދެމުންނެވެ. މި ސަރުކާރުންވެސް އިސްކަންދެނީ ކުރިން ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މި މަޝްރޫއު ކުރިއަށް ގެންދިއުމަށެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި މިހާރު ޚިދުމަތް ނުފެށި އޮތީ އެންމެ 4 އަތޮޅުގައެވެ. މަސައްކަތް އަވަސްކުރުމަށް ހުރި އެންމެ ބޮޑު ގޮންޖެހުމަކީ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ދިނުމުގައި ދިމާވާ ދަތިތަކެވެ.
ފައިސާގެ ކަންކަން އޮމާންކޮށް ކުރިއަށްދާނަމަ މިހާރަށްވުރެ މާ އަވަހަށްވެސް މި މަސައްކަތް ނިންމާލެވުނީސް ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް، މިހާރު ކަންކަން ރޭވިފައިވާ ގޮތުން ޖުލައި ނުވަތަ އޮގަސްޓް މަހާ ހިސާބަށް ބާކީ ހުރި ހުރިހާ އަތޮޅަކަށް ޚިދުމަތް ފެށޭނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން، މިހާރު ޚިދުމަތް ދެމުންދާ ސަރަހައްދުތަކަށް ބޭނުންވާ އިތުރު އުޅަނދުތައް ހޯދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
މިހާތަނަށް އާރުޓީއެލްގެ ޚިދުމަތް ނުފެށި ހުރީ މ. އަތޮޅާއި، ކ. އަތޮޅާއި، އއ. އަތޮޅާއި، އދ. އަތޮޅުގެ އިތުރުން ވ. އަތޮޅުގައެވެ. އެންމެ ފަހުން މި ޚިދުމަތް އަލަށް ފަށާފައިވަނީ ނިމިދިޔަ މަހު ލ. އަތޮޅުގައެވެ.



