ބަނގުރަލާއި މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލަތަކާ ގުޅިގެން އެޕްރީލް 25 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ އެމްޑީ ހާރުން މިއާ، ބަންގްލަދޭޝް (47އ) އާއި ހުސްމާން ރަސިކް އަރްސިލް އަލީމް، ސްރީލަންކާ (26އ) އެވެ.
ފުލުހުން ބުނީ މި ދެމީހުންގެ ތެރެއިން އެމްޑީ ހާރުން މިއާ ހައްޔަރުކޮށްފައިވަނީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ. މިގޮތުން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި އޭނާ ހައްޔަރުކޮށް، އޭނާއާ ގުޅުންހުރިކަމަށް ބެލެވޭ މާލޭގެ ދެއެޕާޓްމަންޓް ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި ފަސް ލީޓަރުގެ ހަތަރު ފުޅި އާއި، 500 އެމްއެލްގެ 126 ފުޅި އަދި 14 ހަން ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
ފުލުހުން ބުނީ މި މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، އެމްޑީ ހާރުން މިއާ މިހާރު ވަނީ ރާއްޖެއިން ޑީޕޯޓްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ހުސްމާން ރަސިކް އަރްސިލް އަލީމް ހައްޔަރުކޮށްފައިވަނީ ކިލޯއަކަށްވުގެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި މައްސަލައާ ގުޅިގެން، މޯލްޑިވްސް ކަސްޓަމް ސާވިސްއިން އޭނާ ފުލުހުންނާ ހަވާލުކުރުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހުސްމާން ރަސިކް އަރްސިލް އަލީމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތްދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި ދެމައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.



