ތަފާތު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތި ނައްތާލުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށް އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފި އެވެ.
މި ހަރަކާތުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު 2024 އޭޕްރީލް 26 ވަނަ ދުވަހުގެ ރޭގަނޑު 23:59 އާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ.
މި ހަރަކާތުގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށެވެ. ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ މައުލޫމާތު media@police.gov.mv އަށް އީމެއިލް ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
- ފުރިހަމަ ނަން
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު
- ގުޅޭނެ ފޯނު ނަންބަރު
މި ހަރަކާތުގައި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ މެއިލްކުރާ ތަރުތީބުން 10 މީހަކަށެވެ.
މަސްތުވާތަކެތި ނައްތާލުމުގެ މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2024 އޭޕްރީލް 27 ވަނަ ދުވަހުގެ މެންދުރުފަހު ދޫނިދޫގައެވެ.




