ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުގައި ސަލާހްގެ ވާތު ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއާ ގުޅިގެން، އޭނާ އަލުން ދަނޑަށް ނިކުމެވޭނެކަމާ މެދު ވަނީ ޝައްކު އުފެދިފައެވެ. އުމުރުން 33 އަހަރުގެ ސަލާހް މި ސީޒަން ނިމުމުން ކްލަބް ދޫކޮށްލާނެކަން އިއުލާންކޮށްފައިވާއިރު، ސީޒަން ނިމެން ބާކީ އޮތީ އެންމެ މަހެއްހާ ދުވަހެވެ.
މެޗުގެ 59 ވަނަ މިނެޓުގައި ބަދަލުކުރިއިރު، ސަލާހް ވަނީ ވަރަށް ބޮޑަށް ވަގުތު ނަގައި، އެންފީލްޑްގެ ސަޕޯޓަރުންނަށް ވަދާއީ އަތްތިލަބޭހެއް އަޅާފައެވެ.
ލިވަޕޫލްގެ ކޯޗު އާން ސްލޮޓް ބުނި ގޮތުގައި، ސަލާހް އަމިއްލައަށް ދަނޑުން ފޭބުމަކީ އަނިޔާ ސީރިއަސްކަން އަންގައިދޭ ކަމެކެވެ. "މިކަމާ މެދު އެއްޗެއް ބުނަން އަދި މާ އަވަސް. އެކަމަކު އަހަރެމެން އެންމެންނަށްވެސް އެނގޭ މޯ (ސަލާހް) އަކީ ދަނޑުން ފައިބަން ބޭނުންވާނެ ކުޅުންތެރިއެއް ނޫންކަން. އޭނާ އަމިއްލައަށް ފޭބުމުން އެނގެނީ ކޮންމެވެސް ކަމެއް ވެއްޖެކަން،" ސްލޮޓް ބުންޏެވެ.
ސްލޮޓް އިތުރަށް ބުނި ގޮތުގައި، ދަނޑުން ފޭބިއިރު ސަލާހްގެ ހިތުގައިވެސް މިއީ ފަހު މެޗަށް ވެދާނެކަމުގެ ބިރު އޮންނާނެއެވެ. "އާނ، އަހަރެން ގަބޫލުކުރަން އޭނާ ފޭބި ގޮތުން އެކަން އޭނާގެ ހިތަށް އެރިކަން. ބާކީ މިއޮތީ މަދު ހަފުތާކޮޅެއް. އެކަމަކު އަހަރެމެންގެ އުއްމީދަކީ އޭނާ އަލުން ކުޅޭތަން ފެނުން."
ތާރީޚީ ކެރިއަރެއްގެ ނިމުން؟
2017 ވަނަ އަހަރު ލިވަޕޫލާ ގުޅުނު ސަލާހް ވަނީ އެ ކްލަބަށް 435 މެޗުން 257 ލަނޑު ޖަހައިދީފައެވެ. އޭނާއަކީ ކްލަބުގެ ތާރީޚުގައި ތިންވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. ލިވަޕޫލާއެކު އޭނާ ވަނީ ޕްރެމިއަރ ލީގު، ޗެމްޕިއަންސް ލީގު، އެފްއޭ ކަޕް އަދި ވޯލްޑް ކްލަބް ކަޕް ފަދަ ހުރިހާ ބޮޑެތި މުބާރާތްތަކެއް ކާމިޔާބުކޮށްފައެވެ.
މި އަނިޔާގެ ސަބަބުން، އަންނަ އާދީއްތަ ދުވަހު މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގައި ސަލާހަށް ނުކުޅެވޭނެކަން ގާތްގަނޑަކަށް މިހާރު ވަނީ ޔަގީންވެފައެވެ. ލިވަޕޫލްގެ ސަޕޯޓަރުން މިހާރު ތިބީ މެއި 24 ގައި ބްރެންޓްފޯޑާ ދެކޮޅަށް ކުޅޭ ސީޒަނުގެ ފަހު މެޗުގައި ސަލާހް ފެންނާނެކަމުގެ އުއްމީދުގައެވެ.



