ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑީގެ ޕީއެންސީ ޓިކެޓު އެ ގޮނޑީގައި ކުރިން އިންނެވި މުހައްމަދު ސިނާން މިއަދު ކާމިޔާބުކޮށްފި އެވެ.
މި ގޮނޑިއަށް މެމްބަރަކު ހޮވަން ބާއްވާ ބައި - އިލެކްޝަންގައި ވާދަކުރަން ޕީއެންސީގެ ޓިކެޓަށް ކުރިމަތިލީ ސިނާންގެ އިތުރުން، ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާ) އެވެ. މި ބައި އިލެކްޝަންގައި ވާދަކުރާނެ މީހަކު ކަނޑައަޅަން މިއަދު ޕީއެންސީން ބޭއްވި ޕްރައިމަރީގައި ޓިކެޓު ސިނާން ކާމިޔާބު ކުރެއްވީ، 200 އަށްވުރެ ގިނަ ވޯޓާއެކު އެވެ. ސައީދަށް ލިބިލެއްވީ، 187 ވޯޓެވެ.
ޕީއެންސީގެ ޓިކެޓުގައި މި ދާއިރާގެ ގޮނޑީގައި އިންނެވަނިކޮށް، ސިނާންގެ ގޮނޑި ގެއްލުނީ، ސާބިތު ދަރަންޏެއް އޮތް ކަމަށް މިމަސްތެރޭ ސުޕްރީމް ކޯޓުން ކަނޑައެޅުމުންނެވެ. އެ ގޮނޑީގެ ބައި - އިލެކްޝަން ބާއްވަން އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ އަންނަ 6 ޖޫންގަ އެވެ.



