މަސްވެރިން ބާނާ މަހަށް ސަރުކާރުން ގަވާއިދުން ފައިސާ ދެއްކުމުގެ އުސޫލުގެ ތެރެއިން، އިއްޔެ އެކަނިވެސް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ވަނީ ހަވާލުކޮށްފައެވެ.
މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ޖުމްލަ 53 މަސްދޯންޏަކަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ޖަމާކޮށްދީފައެވެ. އެއީ އޭޕްރިލް މަހުގެ 22 ވަނަ ދުވަހު މިފްކޯއަށް ކިރުވި މަހަށްވާ 5,273,863 ރުފިޔާއެވެ. މީގެ ތެރޭގައި ހިމެނެނީ ކަޅުބިލަމަހާއި ކަންނެލި ކިރުވި ފަރާތްތަކަށް ދޫކުރި ފައިސާއެވެ.
އެ ދުވަހު އެންމެ ގިނައިން ކިރުވާފައިވަނީ ކަޅުބިލަމަހެވެ. އޭގެ ފަހުން އެންމެ ގިނަ އަދަދަކަށް ކިރުވާފައިވަނީ 10 ކިލޯއިން މަތީގެ ކަންނެއްޔާއި 15 ކިލޯއިން މަތީގެ ކަންނެއްޔެވެ.
ތަފްސީލަށް ބަލާއިރު، ކަޅުބިލަމަސް ކިރުވި 50 ދޯންޏަކަށް 5.1 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މީގެ އިތުރުން 10 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 5 ދޯންޏަކަށް 5,260 ރުފިޔާ އަދި 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 12 ދޯންޏަކަށް 84,125 ރުފިޔާ ވަނީ ޖަމާކޮށްފައެވެ.
މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ވަނީ މިފްކޯއިން މަސް ގަންނަ އަގު 16 ރުފިޔާއަށް މަތިކޮށް، މަސްވެރިންނަށް ވިއްކާ ތެލުގެ އަގު 13 ރުފިޔާއަށް ހެޔޮކޮށްފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް ޖަނަވަރީ މަހުން ފެށިގެން މިފްކޯއިން ބޮޑުކަންނެލި ގަންނަން ފަށާފައިވާއިރު، މިހާރު ކަންނެލި ކިލޯއެއް ގަންނަނީ 25 ރުފިޔާގެ ރޭޓުންނެވެ.




