ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްތަކުގައި މާކްސް ނުވަތަ ޕޮއިންޓް ދޭ އުސޫލަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، އުސޫލަށް ބަދަލުތަކެއް ގެނައި ކަމަށް ދެކެވޭ ވާހަކައަކީ އޮޅުމެއް ކަމަށެވެ. އަދި އާ ކެޓަގަރީތަކެއް އިތުރުކުރި ނަމަވެސް، ކުރިން ފޯމު ހުށަހަޅާފައިވާ އެއްވެސް މީހެއްގެ ހައްގަކަށް އުނިކަން ނާންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
މުހިންމު ނުކުތާތައް:
-
ޕޮއިންޓް ސިސްޓަމް: ކުރިން އިއުލާންކޮށްފައިވާ ސްކީމްތަކުގެ މާކްސް ދޭ ގޮތަށް އެއްވެސް ބަދަލެއް ނާދެއެވެ.
-
އާ ކެޓަގަރީތައް: ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކެޓަގަރީއެއް ވަނީ އިތުރުކޮށްފައެވެ.
-
ޖޮއިންޓް އެޕްލިކޭޝަން: "ބިންވެރިޔާ" ސްކީމްގައި ޖޮއިންޓްކޮށް ގޯތި ލިބުނު މީހުން އެ ގޯތި ދޫކޮށްލަން އެއްބަސްވާ ނަމަ، ވަކިވަކިން ގޯތި ލިބޭނެ މަގު ވަނީ ފަހިކޮށްދީފައެވެ.
-
ސުންގަޑި އިތުރުކުރުން: މި ސަރުކާރުގެ ފުރަތަމަ މަޝްރޫއުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދުމުގެ މުއްދަތު ވަނީ މޭ 31 ގެ ނިޔަލަށް އިތުރުކޮށްފައެވެ.
މަޝްރޫއުގެ ތަފުސީލު:
"އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން 7,900 ފްލެޓް އަދި 15,000 ގޯތި ދޫކުރަން ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ހިމެނެނީ:
-
މާލޭގެ ރަށްވެހިންނަށް: 4,000 ފްލެޓް.
-
މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް: 1,500 ފްލެޓް.
-
ހާއްސަ ކެޓަގަރީތަކަށް: 2,400 ފްލެޓް.
މީގެ އިތުރުން ރަސްމާލެއިން ޖުމްލަ 25,000 ގޯތި ދޫކުރަން ރައީސް ޑރ. މުއިއްޒު ނިންމަވާފައިވާއިރު، ފުރަތަމަ ބުރުގައި ދޫކުރާނީ 15,000 ގޯއްޗެވެ.



