ރާއްޖޭގައި ގަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ހޯމް މިނިސްޓްރީއާއި، ފުލުހުން އަދި އިމިގްރޭޝަން ގުޅިގެން ކުރިއަށްގެންދާ "ކުރަނގި އޮޕަރޭޝަން" ގެ ތިންވަނަ މަރުހަލާ އަންނަ މޭ މަހުގެ ދެވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި އޮޕަރޭޝަންގެ ދަށުން ވިސާ ފީ ނުދައްކާ ތިބޭ ފަރާތްތައް ވެސް ރާއްޖޭން ފޮނުވާލުމަށް ވަނީ ނިންމާފައެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، މޭ މަހުގެ ދެވަނަ ދުވަހުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތަށް، ގަވާއިދާ ޚިލާފަށް އުޅޭ މީހުން ހޯދައި ހައްޔަރުކޮށް ޑީޕޯޓްކުރުމުގެ ވަރުގަދަ މަސައްކަތްތަކެއް ކުރިއަށްދާނެ ކަމަށެވެ. 2024 ވަނަ އަހަރު މި އޮޕަރޭޝަން ފެށިއިރު ލިޔެކިއުންތަކުން ދެއްކި ގޮތުގައި 148,417 ބިދޭސީންނަކީ ވޯކްޕާމިޓް ފީ ނުދައްކާ ނުވަތަ ވިސާ ނެތި އުޅޭ މީހުންނެވެ. ނަމަވެސް އޭރު އެ އެންމެން ރާއްޖޭގައި ތިބިކަން ކަށަވަރު ނުވާކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ފާއިތުވި ދެ އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތުން، ސައްހަ ލިޔެކިއުންތަކާއެކު ގަވާއިދަށް ފެތޭ ބިދޭސީންގެ ނިސްބަތް 28 އިންސައްތައިން 62 އިންސައްތައަށް އިތުރުކުރެވިފައިވާ ކަމަށެވެ. އަދި ބިދޭސީން ގެންގުޅޭ ފަރާތްތަކަށް އިމިގްރޭޝަން ސިސްޓަމް މެދުވެރިކޮށް ބިދޭސީންގެ ސްޓޭޓަސް ބެލޭނެ އިންތިޒާމު ހަމަޖެހިފައިވާތީ، ގަވާއިދުން ފީތައް ދެއްކުމަށް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.
މި އޮޕަރޭޝަންގެ ދަށުން މިހާތަނަށް 206,000 އެއްހާ ބިދޭސީންގެ ފިންގަޕްރިންޓް ނަގާފައިވާއިރު، ފިންގަޕްރިންޓް ނުދީ ތިބި 2,933 މީހުން މިހާރު ވަނީ ދެނެގަނެވިފައެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ އަދި ފުރިހަމަ ހައްލެއް ހޯދުމެވެ.





