ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ. މި ތަކެތި އަތުލައިގަނެފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި މި ތަކެތި އަތުލައިގެންފައިވަނީ 22 އޭޕްރީލް 2026 ގައެވެ. އެއާޕޯޓުން ބަލައި ފާސްކުރި ފަސިންޖަރެއްގެ އަތުން ފެނުނު މި ތަކެތި ތަހުލީލު ކުރިއިރު، އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްފެޓަމިން އަށް ވަނީ ޕޮޒިޓިވް ވެފައެވެ.
މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 1150 ގްރާމް ހުރި ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ. އަދި މި ތަކެތީގެ މަގުމަތީ އަގު ޖުމްލަ 3.3 މިލިއަން ރުފިޔާއަށްވުރެ އިތުރު ވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށާއި، ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލުކުރެވިފައެވެ. ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ކަސްޓަމްސްއިން ދަނީ ބޯޑަރު ސަރަހައްދުތަކުގައި ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.





