މިނިސްޓަރު ވިދާޅުވި ގޮތުގައި، މި މަހުގެ 20 ވަނަ ދުވަހުގެ ރޭގަނޑު 8:40 ހާއިރު ފުލުހުންގެ ވިކްޓިމް ސަޕޯޓްގެ ވައިބާ ނަންބަރަށް އެ އަންހެން މީހާގެ ފަރާތުން މެސެޖެއް ލިބުނެވެ. އަދި 8:49 އާ ހަމައަށް ފުލުހުން އޭނާއާ މުއާމަލާތް ކުރި ކަމަށާއި، އޭނާގެ ފަރާތުން އެންމެ ފަހުން ޖަވާބެއް ލިބުނީ 8:50 ގައެވެ. އޭގެ ފަހުން 8:53 ގައި އޭނާގެ ހާލު ރަނގަޅު ކަމަށާއި ބޭރަށް ދާން އުޅޭ ކަމަށް ބުނެ މެސެޖު ކުރި ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެރޭގެ ދަންވަރު 12:38 ގައި "އައިއެމް ގޯން" ޖަހާފައި ފޮނުވި މެސެޖަކީ ފުލުހުންނާ ދެމެދު ހިނގި އެންމެ ފަހު މުއާމަލާތް ކަމަށާއި، އެ މެސެޖަށްވެސް ތިން މިނެޓު ތެރޭގައި ފުލުހުން ޖަވާބު ދީފައިވާ ކަމަށް އިޙްސާން ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގައި ފެތުރޭ ދޮގު މައުލޫމާތުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ނަފްސާނީ ދުޅަހެޔޮކަމާ ގުޅުންހުރި ނާޒުކު މައްސަލަތަކުގައި ހަގީގަތާ ޚިލާފު ވާހަކަ ނުފެތުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. މިފަދަ ވާހަކަތަކުގެ ސަބަބުން މިހާރުވެސް އެފަދަ ކަންކަން ތަހައްމަލު ކުރާ މީހުންނަށާއި، ހިތާމަވެރި ހާދިސާ ދިމާވި އާއިލާއަށް އިތުރު ނުތަނަވަސްކަމާއި ދެރަ ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، އެ އަންހެން މީހާ އޮފްލައިންވުމާ ގުޅިގެން 1:03 ހާއިރު ވިކްޓިމް ސަޕޯޓުން ފުލުހުންގެ ކޮމާންޑް ސެންޓަރަށް އެންގި ކަމަށާއި، 1:08 ގައި ފުލުހުން ދަނާލަށް ދިޔަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭނާ އުޅުނު ކޮޓަރި ހޯދުނީ 1:32 ހާއިރު ކަމަށްވެސް ފާހަގަކުރެއްވިއެވެ. މި މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތް ބެލުމަށް އެތެރޭގެ ރިވިއުއެއް ކުރިއަށްދާނެ ކަމަށާއި، މިނިވަން މުއައްސަސާތަކުންވެސް މިކަން ތަހުގީގު ކުރާނެ ކަމަށް މިނިސްޓަރު އިޙްސާން ވިދާޅުވިއެވެ.





